ހއ. ކެލާގެ ފަޅު ހިއްކައިގެން ދެ ރިސޯޓާއި ކ. ކާށިދޫގެ ފަޅު ހިއްކައިގެން ރިސޯޓެއް ތަރައްގީކުރަން އިއްޔެ އާންމުކޮށް ބީލަމަށް ހުޅުވާލައިފިއެވެ.
މިކަމާ ގުޅޭގޮތުން، މިދިޔަ ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކެލާގެ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރުމަށް، އެ ރަށުގެ ފަޅުތެރެއިން 325.5 ހެކްޓަރު ކަނޑައެޅުމަށް ގަރާރެއް ނެރުއްވާފައެވެ. އެ ދެ ރަށުގައި ރިސޯޓެއް ތަރައްޤީ ކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން ވައުދުފުޅެކެވެ.
ކެލާއާއި ކާށިދޫގައި ރިސޯޓެއް ތަރައްޤީ ކުރުމަށް ބީލަމަށް ހުޅުވާލައި، ޓޫރިޒަމް މިނިސްޓްރީން ވަކިވަކިން ކޮށްފައިވާ ދެ އިއުލާނުގައި ބުނެފައިވަނީ:
1- 156.2 ހެކްޓަރުގެ ރަށެއް – 12.19 ހެކްޓަރު ހިއްކަން ޖެހޭ އަދި އެ ރަށުގައި 200 އެނދުގެ ރިސޯޓެއް ތަރައްގީކުރަން ޖެހޭ؛ މި ރަށް 50 އަހަރަށް ކުއްޔަށް ނެގުމަށް، ބީލަން ކާމިޔާބުވިކަމުގެ ސިޓީ ލިބޭތާ ދެ މަސްދުވަހުގެ ތެރޭގައި މަދުވެގެން 1.99 މިލިއަން ޑޮލަރު ސަރުކާރަށް ދައްކަން ޖެހޭ ކަމަށާއި،
2- 169.3 ހެކްޓަރުގެ ރަށެއް – 12.19 ހެކްޓަރު ހިއްކަން ޖެހޭ އަދި އެ ރަށުގައި ވެސް 200 އެނދުގެ ރިސޯޓެއް ތަރައްގީކުރަން ޖެހޭ؛ މި ރަށް 50 އަހަރަށް ކުއްޔަށް ނެގުމަށް، ބީލަން ކާމިޔާބުވިކަމުގެ ސިޓީ ލިބޭތާ ދެ މަސްދުވަހުގެ ތެރޭގައި މަދުވެގެން 2.03 މިލިއަން ޑޮލަރު ސަރުކާރަށް ދައްކަން ޖެހޭ ކަމަށެވެ.
މީގެއިތުރުން ކާށިދޫއަށް ވަކިން ކޮށްފައިވާ އިއުލާނެއްގައި ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ އެތަނުގައި 115.21 ހެކްޓަރުގެ ރަށެއް – 10 ހެކްޓަރު ހިއްކަން ޖެހޭ ކަމަށާއި އެ ރަށުގައި 100 އެނދުގެ ރިސޯޓެއް ތަރައްގީކުރަން ޖެހޭ ކަމަށެވެ. އަދި މި ރަށް 50 އަހަރަށް ކުއްޔަށް ނެގުމަށް، ބީލަން ކާމިޔާބުވިކަމުގެ ސިޓީ ލިބޭތާ ދެ މަސްދުވަހުގެ ތެރޭގައި މަދުވެގެން 2.25 މިލިއަން ޑޮލަރު ސަރުކާރަށް ދައްކަން ޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ.
މިއިން ކޮންމެ ރަށެއްގެ ބީލަމަށްވެސް ބިޑް ސެކިއުރިޓީގެ ގޮތުގައި 25،000 ޑޮލަރު ހުށަހަޅަން ޖެހޭ ކަމަށާއި ރިސޯޓް ތަރައްގީކުރުމަށް ބޭނުންވާ ޖުމްލަ އިންވެސްޓްމަންޓުގެ (ކޮންމެ ކޮޓަރިއަކަށް 75،000 ޑޮލަރުގެ މަގުން)، މަދުވެގެން %20 ހުރިކަން ސާބިތުކޮށްދޭ ލިޔުން ހުށަހަޅަން ޖެހޭ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.




