މިއަދަކީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ)ން ދިވެހި ރައްޔިތުންނަށް ޚިދުމަތް ދެމުން އަންނަތާާާ ކާމިޔާބު 30 އަހަރު ފުރުނު ދުވަހެވެ.
އެމްޑަބްލިޔުއެސްސީ ވުޖޫދަށް އައިސްފައި ވަނީ، އިތުރުވަމުން ދިޔަ މާލޭގެ އާބާދީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ފެނާއި ނަރުދަމާގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ.
އެމްޑަބްލިޔުއެސްސީ އުފެދިގެން އައި އިރު ކުންފުނި ހިންގަމުން އައީ ޑެންމާކް ގެ މެނޭޖްމެންޓް ޓީމަކުން ކަމުގައިވީ ނަމަވެސް، މިއަދު އެމް.ޑަބްލިއު.އެސް.ސީ އަކީ 1,013 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާ، %100 ދިވެހި މެނޭޖްމެންޓެއް އޮތް، ކާމިޔާބުކަމާއި އެކު ހިންގަމުންދާ ފަޚުރުވެރި ކުންފުންޏެއް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
އެމްޑަބްލިޔުއެސްސީން މިއަދު ބުނީ އެ ކުންފުނި އުފެދިގެން އައީ، 60 މުވައްޒަފުންނާއި އެކު، އޭރު 60 ހާސް މީހުންގެ އާބާދީއެއް އޮތް މާލެ އަށް، ހަމައެކަނި ޚިދުމަތް ދިނުމަށް ޚާއްސަކުރެވިގެން ކަމަށެވެ.
ނަމަވެސް، މިއަދު އެމްޑަބްލިއުއެސްސީން އަންނަނީ މާލޭގެ އިތުރުން، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ތިލަފުށި ކ.މާފުށި، ރ.ދުވާފަރު އަދި ހދ. ކުޅުދުއްފުށި ހިމެނޭގޮތުން 2 ލައްކަ މީހުންގެ އާބާދީ އަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުން ކަމަށް އެ ކުންފުނިން ހާމަކޮޮށްފައި ވެއެވެ.
މިއީ ގާތްގަޑަކަށް ދިވެހިރާއްޖޭގެ އާބާދީގެ 50% އެވެ. އަދި ރ.ދުވާފަރުގައި ފެނާ ނަރުދަމާގެ އިތުރުން، ކަރަންޓާއި ކުނި މެނޭޖްކުރުމާއި، މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގެ ޚިދުމަތްވެސް އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ ކަމަށް އެމްޑަބްލިޔުއެސްސީން ހާމަކުރެއެވެ.
އެ ކުންފުނި އުފެދިގެން އައި އިރު ފެން އުފެއްދުމުގެ ޤާބިލްކަން ހުރީ ދުވާލަކު 900 ކޮޑި މީޓަރު އަދި ފެން ރައްކާކުރެވޭ މިންވަރު ހުރީ 10,000 ކޮޑި މީޓަރު ކަމުގައި ވީނަމަވެސް، މިއަދު ދުވާލަކު 47,300 ކޮޑި މީޓަރުގެ ފެން އުފެއްދާ 44,858 ކޮޑި މީޓަރުގެ ފެން ރައްކާ ކުރުމުގެ ޤާބިލްކަން އެ ކުންފުނިން ހޯދާފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.
ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަކީ އެ ކުންފުނީގެ އެންމެ މުހިއްމު އެއް އަމާޒު ކަމަށާއި، ގްރޭޓަރ މާލެ ސަރަހައްދުގެ އެ ކުންފުނީގެ ފެން އުފައްދާ މައި މަރުކަޒުގެ އިތުރުން މާލޭގެ އެހެން ދެ ސަރަހައްދެއްގައި ފެން އުފައްދާ ދެ މަރުކަޒެއް ގާއިމް ކޮށް، ފެން އުފެއްދުން ލާމަރުކަޒު ކުރެވިފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
އަދި މާލެއާއި ހުޅުމާލޭގައި ފެން ރައްކާކުރާ އިތުރު ތާންގީތައް ހެދުމާއި އިތުރު ފެން ޕްލާންޓްތައް ބެހެއްޓުމުގެ މަސައްކަތްތައްވެސް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
މިގޮތުން، 2025 ވަނަ އަހަރު ނިމޭއިރު އެމްޑަބްލިޔުއެސްސީން ފެން އުފެއްދުމުގެ ކެޕޭސިޓީ %26 އަދި ފެން ރައްކާކުރެވޭ މިންވަރު %28 އަށް އިތުރުކުރެވިގެން ދާނެއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ ގުޅާލުމަށް ސިނަމާލެ ބްރިޖްމެދުވެރިކޮށް އަޅާފައިވާ ފެނުގެ މައި ވިއުގަ ޑިސްއިންފެކްޓް ކުރުމާއި، ޕްރެޝަރ ޓެސްޓް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
އަދި މާލެއާއި ހުޅުމާލޭގެ ޓްރާންސްފަރ ޕަމްޕް ސްޓޭޝަން ޤާއިމްކުރުމުގެ މަސައްކަތުގެ ބޮޑުބައެއްވެސް މިހާރު ނިމިފައިވާ ކަމަށާއި މުޅި މަޝްރޫޢު ނިންމާލައި، ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިޔުގަ ގުޅާލައި ޚިދުމަތަށް ގެނައުމަށް ތާވަލު ކުރެވިފައި ވަނީ 2025 ވަނަ އަހަރުގެ ފަހުކޮޅު ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މި މަޝްރޫޢު ނިމުމުން، ބޭނުންވެއްޖެ ހާލަތެއްގައި، މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް، ގަޑިއަކު 800 ޓަނުގެ ފެން ޕަންޕުކުރުމުގެ ގާބިލްކަން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
ހަމަމިއާއެކު، ކުންފުނީގެ ޚިދުމަތްތަކުގެ ފެންވަރު ތަރައްޤީކޮށް، ކަސްޓަމަރުންނާއި ވީހާވެސް ގާތުން، ލުއިފަސޭހަ ގޮތެއްގައި ޚިދުމަތްތައް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި 24 ގަޑިއިރު ގުޅޭ ކަސްޓަމަރ ކެއަރ ސެންޓަރުގެ ޚިދުމަތް ގާއިމްކުރުން ހިމެނޭ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފައި ވެެެއެވެ.
ހަމައެހެންމެ އެމްޑަބްލިޔުއެސްސީގެ ޚިދުމަތްތަކަށް އެދި އޮންލައިންކޮށް ހުށައެޅޭނެ އިންތިޒާމް ހަމަޖެއްސުމާއި، ސްމާރޓް މީޓަރ ބޭނުންކުރަން ފެށުމާއި، އޮންލައިން ޕޯޓަލް އަދި މޯބައިލް އެޕްލިކޭޝަން އަޕްގްރޭޑްކޮށް އާ ޚިދުމަތްތަކާއެކު ތަޢާރަފްކުރުން ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މީގެ އިތުރުން ރާއްޖޭގެ އެކި އެކި ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމުތައް ޤާއިމްކުރުމުގައި އެމްޑަބްލިޔުއެސްސީން އަންނަނީ ފާހަގަ ކޮށްލެވޭފަދަ ދައުރެއް އަދާކުރަމުންނެވެ.
މިގޮތުން، ރާއްޖޭގެ އެކި ހިސާބުތަކުގައި ފެނާއި ނަރުދަމާގެ ޖުމްލަ 107 ޕްރޮޖެކްޓްގެ މަސައްކަތް ކާމިޔާބުކަމާއެކު ކުންފުނިން ވަނީ ނިންމާފައެވެ.
2025 ވަނަ އަހަރު ފެނުގެ 17 ޕްރޮޖެކްޓަކާއި ނަރުދަމާގެ 15 ޕްރޮޖެކްޓަކާއި އެކު ޖުމްލަ 32 ޕްރޮޖެކްޓެއްގެ މަސައްކަތް ސަރުކާރުން ވަނީ އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްފައި ކަމަށާއި ބައެއް ޕްރޮޖެކްޓްތަކުގެ އަމަލީ މަސައްކަތް ފެށިފައިވާއިރު އަނެއްބައި ޕްރޮޖެކްޓްތަކު އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ އެ ކުންފުނި އުފެދިގެންއައީ ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޚާއްސަ ޔޫޓިލިޓީ ކުންފުންޏެއްގެ ގޮތުގައި ވީ ނަމަވެސް، 30 އަހަރު ދުވަހުގެ ތަޖުރިބާއާއެކު މިއަދު އެމް.ޑަބްލިޔު.އެސް.ސީ އަކީ އިންޖީނިއަރިންގ، ޓްރޭޑިންގ އަދި މެނުފެކްޗަރިންގްގެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ ކުންފުންޏެއް ކަމަށެވެ.
ފެނާއި ނަރުދަމާ ނިޒާމު ފަރުމާކުރުމާއި، ޤާއިމްކުރުމާއި، އޮޕަރޭޓް ކުރުމާއި، އަދި ފެން ޕްލާންޓް އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ މަސައްކަތްވެސް މިއަދު އެމްޑަބްލިޔުއެސްސީން އަންނަނީ ކުރަމުންނެވެ.
އެމްޑަބްލިއުއެސްސީ ޝޯރޫމުން އަންނަނީ ފެނާ ނަރުދާމާގެ ނިޒާމާ ގުޅުންހުރި، ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ތަކެތި ކަސްޓަމަރުންނަށް ފޯރުކޮށްދެމުން ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
އެ ކުންފުނީގެ އައި.އެސް.އޯ 17025: 2005 ސްޓޭންޑަރޑުގެ ލެބޯރެޓަރީ އިން ދަނީ، ރިޒޯޓުތަކާ، ފަންނީ ކޮންސަލްޓަންޓުން ފަދަ ފަރާތްތަކަށް، ވިޔަފާރީގެ އުސޫލުން ފެން ތަހުލީލު ކުރުމުގެ ޚިދުމަތްވެސް ފޯރުކޮށްދެމުންނެވެ.
އުފެއްދުންތެރިކަމުގެ ދާއިރާއިން އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ކާރުޚާނާ އިން ފުޅީގައި ބަންދުކޮށްފައިވާ ފެން އުފެއްދުމާއި،ކ.ގުޅީފަޅުގައި ގާއިމްކޮށްފައިވާ ޕައިޕް ފެކްޓަރީއިން ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ފެން ވައިރިންގ އަށް ބޭނުންވާ އެކި ސައިޒްތަކުގެ ހޮޅި އުފެއްދުމާއި، އަދި ކަރަންޓް ވަޔަރިންގ އަށްބޭނުންވާ އެކި ސައިޒްތަކުގެ ކޮންޑިއުޓް ހޮޅި އުފެއްދުން ހިމެނެއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ އެ ކުންފުންޏަކީ ދިވެހިންގެ ސިއްހީ ރައްކާތެރިކަމަށް ހެޔޮ ބަދަލުތަކެއް ގެނެސްދީ، ދިވެހިންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިން ފަޚްރުވެރި ކާމިޔާބު ކުންފުންޏެއް ކަމަށެވެ.
އެމްޑަބްލިޔުއެސްސީގެ އަމާޒަކީ ދެމެހެއްޓެނިވި، އަދި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ކުންފުނީގެ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެފައި ވެެއެވެ.
އެމްޑަބްލިޔުއެސްސީގެ ފެނާއި ނަރުދަމާގެ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށާއި ކުންފުނީގެ ކުރި އެރުމަށް ކުންފުނީގެ ހީވާގި މުވައްޒަފުން ކެނޑިނޭޅި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތައް ފާހަގަކޮށް، އެންމެހައި މުވައްޒަފުންނަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮޮށްފައެވެ.
އެ ކުންފުނިން ބުނީ މި ކާމިޔާބީތަކުގެ އަސްލަކީ ކުންފުނީގެ ހީވާގި މުވައްޒަފުން ކަމަށްވީހިނދު، މުވައްޒަފުންގެ ޤާބިލްކަން އިތުރުކުރުމުގެ ގޮތުން ކުންފުނިން އަންނަނީ މުވައްޒަފުންނަށް ޚާއްސަ، ކުރުމުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކާ އަދި ދިގުމުއްދަތުގެ ސްކޮލާޝިޕް ޕްރޮގްރާމްތަކުގެ ފުރުސަތުތައް ފަހިކޮށްދީ، މުވައްޒަފުން ބިނާކުރަމުން ކަމަށެވެ.
މީގެ އިތުރުން އެ ކުންފުންޏަށް ކުރާ އިތުބާރާއި، ބަހައްޓާ ގާތްކަމަށް އެ ކުންފުނީގެ އެންމެހައި ކަސްޓަމަރުންނަށްވެސް އެމްޑަބްލިޔުއެސްސީން ވަނީ ޝުކުރު އަދާ ކޮށްފައެވެ.




