ކުއާލަ ލަމްޕޫރް: މެލޭޝިޔާގެ ޕެޓްރޯނަސް ގޭސް ހޮޅިއެއްގައި ރޯވެއަލިފާނުގެ ހާދިސާއެއް ހިނގައި، މިހާތަނަށް 63 މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ރޫޓާސްއިން ބުނެފައިވާ ގޮތުގައި ގޭސް ހޮޅިއެއްގައި ރޯވެގެން ބޮޑު ސަރަހައްދަކަށް އެ އަލިފާންގަނޑު ވަނީ ފެތުރިފައެވެ. އަދި އަލިފާންގަނޑު ނިއްވާލުމަށާއި އެ ސަރަހައްދުން މީހުން ހުސްކުރުމަށް، ކަމާބެހޭ ފަރާތްތަކުން މިހާރުވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި، މެލޭޝިއާގެ ސެލަންގޯ ސްޓޭޓުގައި އޮންނަ ޕުޗޯންގު ނަމަކަށްކިޔާ އަވަށެއްގައެވެ.
ކަމާބެހޭ އޮފިޝަލުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގައި އަނިޔާވެފައިވާ މީހުންގެ ތެރެއިން ގިނައީ ހަށިގަނޑުގެ އެކި ބައިބައި ފިހިފައިވާ މީހުންނާއި ދުމުގެ އަސަރުން ނޭވާލާ ނިޒާމަށް އަސަރުކޮށްފައިވާ މީހުންނެވެ.
ޕެޓްރޯނާސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ގޭސް ހޮޅީގައި ރޯވުމާ ގުޅިގެން، 500 މީޓަރުގެ އެ ހޮޅީގެ ވަލްވް މިހާރުވަނީ ބަންދުކޮށް އެ ސަރަހައްދު ހުސްކޮށްފައެވެ. މި ހާދިސާއާ ގުޅިގެން 49 ގެއަކަށް އެކަމުގެ އަސަރު ކޮށްފައިވާ ކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.



