ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައަށް ބަދަލު ގެންނަން ރަނގަޅީ ދައުރެއް ނިމި އާ ދައުރެއްގެ އިންތިޚާބަށް ކަމަށް ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވެފައި މި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަކުޑަކޮށް އިނާޔަތްތައް ކަނޑާލަން ގޮވާލައި، އާންމު ރައްޔިތުން އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައިވާތީ އެކަމާ ގުޅިގެންނެވެ.
މިކަމަށް އިޝާރާތްކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ މުސާރަކުޑަކުރަން ގޮވާލުމަކީ މުޅިއަކުން ގޯސް ޚިޔާލެއްނޫން ނަމަވެސް 19ވަނަ އެމްޑީޕީގެ ސުޕަރމެޖޯރިޓީ އޮތް މަޖިލީހުން ފައިބައިގެން ދިޔައީ މެމްބަރެއްގެ މުސާރަ 100،000 އަށް ހަދަން ކަމާގުޅުންހުރި ކޮމިޓީން ފާސްކޮށްފައި ކަމަށެވެ.
”އެކަން އެގޮތަށް ނުކުރަން އިރުޝާދުދެއްވީ އަޅުގަނޑުމެންގެ ރަޢީސް، ރަޢީސް މުޢިއްޒު ހަމަ އެއާއި އެކު އަޅުގަނޑުގެ ވިސްނުން ދަންނަވަން މަޖިލީސް މެމްބަރުންގެ މުސާރައަށް ބަދަލުގެނައުން ރަނގަޅީ މަޖިލީސް ދައުރެއް ނިމި އާ ދައުރެއްގެ އިންތިޚާބަށް“ ފަލާހުގެ ޕޯސްޓުގައި ވިދާޅުވިއެވެ.
އެގޮތުން އެ ކަމުގެ ސަބަބެއްގެ ގޮތުގައި ފަލާހު ފާހަގަކުރެއްވީ އެތައް މިލިއަން ރުފިޔާ ޚަރަދުކޮށް މަޖިލީހަށް ވަންނަ ތަނުން މުސާރަ ކުޑަކޮށްލުމުން އިިންތިޚާބަށް ނެގި ދަރަނި އަދާ ކުރާނެ ގޮތެއް ނޯންނާނެ ކަމަށެވެ.
އެހެންކަމުން އަލުން 21 ވަނަ މަޖިލީހަށް މެމްބަރަކަށް 5000 ރުފިޔާ ކަނޑައެޅީމަ އެ މުސާރަ ”އޯކޭވެގެން“ ކުރިމަތިލާ މެމްބަރުންނަކަށް ޝަކުވާކުރެވޭކަށް ނޯންނާނެ ކަމަށް ފަލާހު ވިދާޅުވިއެވެ.
ހަމަ އެއާއިއެކު ކުރީގެ ރަޢީސުންގެ އިނާޔަތާމެދުވެސް ވިސްނާލުން މުހިއްމު ކަމަށާއި ފަނޑިޔާރުންގެ ނަންވެސް ޕެޓިޝަނުގަ ޖަހާލިނަމަ ރަނގަޅުވީސް ކަމަށާއި އަދި ތަފާތު ދައްކަވާ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މުސާރައިގެ ދެބައިކުޅަ އެއްބައި ނަންގަވާ ކޮންމެ ކަމެއްގަވެސް ނަމޫނާ ދައްކަވާތީ ފަލާހު ވަނީ ރައީސް އަށް ޝުކުރު އަދާ ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ މުސާރަ ކުޑަކުރަން ގޮވާލައި ސޮއި ކުރަމުން އަންނަ ޕެޓިޝަންގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ ބޮޑު މުސާރައާއި، ކޮމިޓީ އެލަވަންސާއި، ޕްރީމިއަމް ހެލްތު އިންޝުއަރެންސްގެ އިނާޔަތްތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް މާލީ ބުރަ ބޮޑުވެފައިވާ ކަމަށެވެ.
އެހެންކަމުން ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދަށްވެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ގޯސްވަމުންދާ މި ދަނޑިވަޅުގައި ރާއްޖޭގެ މަޖިލިސް މެންބަރުންނަށް ދޭ އާމްދަނީ ދަށް ކުރަން ޖެހޭ ކަމަށް އެ ޕެޓިޝަނުގައި ވަނީ ގޮވާލާފައެވެ.



