މިދިޔަ ހުކުރު ދުވަހު މިޔަންމާއަށް އެރި 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުން ވެގެންދިޔައީ މުޅި އެ ޤައުމަށް ނުތަނަވަސްކަން ގެނުވި އަދި އެހާމެ ބިރުވެރި ހާދިސާއަކަށެވެ.
މި ހާދިސާގައި މިޔަންމާއިން 2700 އަށްވުރެ ގިނަ މީހުން މިހާތަނަށް ނިޔާވެފައިވާއިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ މުސްލިމުންވެސް ހިމެނެއެވެ.
ބިންހެލުމުގެ ސަބަބުން މިޔަންމާގެ ތިން މިސްކިތެއް ވެސް ވަނީ ބިމާ ހަމަވެފައެވެ.
އެ ދުވަހަކީ މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ހުކުރު ދުވަސް ކަމަށްވުމާއެކު، މިޔަންމާގެ މުސްލިމު ފިރިހެނުން އަވަސްވެގަތީ ހުކުރު ނަމާދު ކުރުމަށެވެ. އެގޮތުން ސަގައިންގް އަވަށުގައި ހުރި ފަސް މިސްކިތް އެދުވަހު ވަނީ ފުރިފައިކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ނަމަވެސް ހުކުރު ނަމާދަށް ތިއްބާ އެރި ބާރުގަދަ ބިންހެލުމުގެ ސަބަބުން އެތަނުން ތިން މިސްކިތެއްވަނީ ވެއްޓިފައެވެ. އަދި އެވަގުތު އެ މިސްކިތްތަކުގައި ނަމާދަށް ތިބި ގިނަ ބަޔަކު ވެސް ވަނީ އެތަނުގައި ތާށިވެ ނިޔާވެފައެވެ.
ނިޔާވި މީހުންގެބތެރެއިން 170 މީހަކީ، ކުރީގެ އިމާމެއް ކަމަށްވާ ސޮއި ނޭޔޫގެ ވަރަށް ގާތް ބައެކެވެ.
ބީބީސީއަށް މައުލޫމާތު ދެމުން ސޮއި ނޭޔޫ ބުނީ، އޭނާގެ އާއިލާ މެންބަރުންތަކަކާއި ގާތް އެކިވެރިން ހިމެނޭހެން މުޅިއަކު 170 މީހުން މި ހާދިސާގައި ނިޔާވެފައިވާ ކަމަށެވެ. އެހެންކަމުން މިއީ އޭނާއަށް ފުން ހިތާމަތަކެއް ގެނުވާފައިވާ ހާދިސާއެއް ކަމުގައި އެ އިމާމު ބުނެފައިވެއެވެ.



