ގަވާއިދާއި ޚިލާފަށް ހޯނޑެއްދޫގެ އާންމުތަންތާނގައި އަލިފާން ރޯކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
ހޯނޑެއްދޫ ކައުންސިލުން ދެންމެ ކުރި އިއުލާނެއްގައި ބުނީ އެ ރަށުގެ އެކިތަންތަނުގައި އަލިފާން ރޯކޮށް ހުޅުޖެހުން މިހާރު ޢާންމު ކަމަކަށް ވެފައިވާކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން މިކަމަކީ އަލިފާނުގެ ނުރައްކާތެރި ހާދިސާތައް ހިނގުމަށް މަގުފަހިވެދާނެ ޢަމަލެއްކަމާއި މިކަމުގެ ސަބަބުން ދަނޑުބިންތަކާއި ރައްޔިތުންގެ ރުއްގަހާއި މުދަލަށް ބޮޑެތި ގެއްލުން ތަކެއް ލިބިގެންދިއުމުގެ ފުރުޞަތު އޮތް ކަމެއް ކަމަށް އެ ކައުންސިލުން ހާމަކޮށްފައި ވެެއެވެ.
އަދި އަލިފާން ރޯކުރުމުން އަލިފާނުގެ ސަބަބުން އުފެދޭ ދުމުން އަވަށްޓެރިންނަށް އުނދަގޫވާގޮތަށް އަލިފާން ރޯކުރުމަކީ ގަވާއިދު ނަންބަރު: 2019/R-995 (އާންމު އުނދަގުލާބެހޭ ގަވާއިދު) ގެ ދަށުން މަނާކަމެއްކަންވެސް ހޯޑެއްދޫ ކައުންސިލުން ވަނީ ހަނދާންކޮށްދީފައެވެ.
އެހެންކަމުން ގަވާއިދާއި ޚިލާފަށް އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމެއްނެތި، އާންމު ތަންތާގައި އަލިފާން ރޯކުރުމަކީ މަނާކަމެއްކަމަށްވާތީ، މިއަދުން ފެށިގެން ހޯނޑެއްދޫގެ އެއްވެސް ތަނެއްގައި ގަވާއިދާ ޚިލާފަށް އަލިފާން ރޯކުރާނަމަ އެ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަމުންދާނެ ކަމަށް ކައުންސިލުގެ އިއުލާނުގައި ވަނީ ބުނެފައެވެ.


