އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ތަރައްޤީކުރަމުން އަންނަ 75 އެނދުގެ އާ ވޯޑު އަންނަ މަހުގެ ތެރޭގައި ހުޅުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ”ރައްޔިތުންނާ އެކު“ ސިލްސިލާ ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ވާހަކަދައްކަވަމުންނެވެ.
އެ ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ސިއްހީ ދާއިރާގެ ކަންތައްތައް ފަހިކޮށް ކުރިއެރުވުމަކީ މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދީގެން ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކަމަށެވެ.
ރާއްޖެއިން ބޭރަށް ނުގޮސް، ރާއްޖޭގައި ތިބެގެން ޞިއްޙީ ފަރުވާގެ ޚިދުމަތް ކަށަވަރު ކޮށްދިނުމުގެ އަމާޒަށް ވާޞިލުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް ރައީސް ވަނީ ހިއްސާކުރައްވާފައެވެ.
އެގޮތުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ މަރުކަޒުތަކުގެ ޚިދުމަތްތައް ފުޅާ ކުރެއްވުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައެއްހާ މީހުން ދިރިއުޅެމުންދަނީ މާލެ ސަރަޙައްދުގައި ކަމަށް ވާހިނދު، މާލެ ސަރަޙައްދަށް ވަރަށް ބޮޑު އިސްކަމެއް ދެއްވަން ޖެހޭ ކަމުގައި ރައީސް ވިދާޅުވިއެވެ.
”އައިޖީއެމްއެޗްގެ ކުރީގެ އެޑްމިނިސްޓްރޭޓިވް ބްލޮކް ހުސްކޮށް އެތަނުގައި ގާއިމްކުރަމުން އަންނަ 75 އެނދުގެ ވޯޑު އަންނަ މަހުގެ ތެރޭގައި ހުޅުވޭނެ، މި ވޯޑުގައި ޖެނަރަލް 40 އެނދާއި ހައި ޑިޕެންޑެންސީ ޔުނިޓުގެ 15 އެނދާއި، ޕްރައިވެޓް 14 ޔުނިޓު ހުންނާނެ“ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އަދި ޓާޝަރީ ފެންވަރަށް ބަދަލުކޮށްފައިވާ ހުޅުމާލޭ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތައް ތަރައްޤީ ކުރައްވަމުން ގެންދަވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ޗައިނާއިން ފޯރުކޮށްދެއްވާ ހިލޭ އެހީގެ ތެރެއިން، ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ތަރައްޤީ ކުރުމުގެ ހުރިހާ ކަމެއް މިހާރު ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.




