ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ)ގައި މަސައްކަތް ކުރަމުންދާ ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ”ސައުވީސް“ އަށް މަޢުލޫމާތު ދެމުން ވިދާޅުވީ ވީއައިއޭ ޓާމިނަލް ހެދުމުގެ މަސައްކަތް ކުރަމުންދާ ބިދޭސީންގެ މެދުގައި ހިންގި މާރާމާރީއަކާއި ގުޅިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
އެގޮތުން މި މާރާމާރީގައި އަނިޔާވި ބަޔަކަށް ހުޅުމާލެ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް މީޑިއާ އޮފިޝަލް ވިދާޅުވެފައި ވެއެވެ.
އަދި މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހަވީރު 16:49 ގައި ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.
ފުލުހުން ވިދާޅުވީ މި މާރާމާރީ ހިންގާފައި ވަނީ ވީއައިއޭގެ އައު ޓާމިނަލްގެ މަސައްކަތް ކުރަމުންދާ ބިދޭސީންގެ މެދުގައި ޖެހުނު މައްސަލައަކާއި ގުޅިގެން ކަމަށެވެ.
އެގޮތުން މި މާރާމާރީގައި 3 ބިދޭސީއަަކަށް އަނިޔާވެފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ މިސްރުގެ 2 މީހަކާއި ބަންގްލަދޭޝް މީހެއް ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން އެ މީހުންގެ ތެރެއިން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.




