ތ.ހިރިލަންދޫން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވި ”ހޮޅުދޫ ބޯޓް“ އިން ގެއްލުނު ލ.މާވަށަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ޢަލީ މުޝްފިޤް އަދިވެސް ނުފެންނަ ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު މިއަދު ބުނީ، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢާޒީ، އެފްއައިސީ މާފަތް، އެޗްޕީ 114، ޑައިވަރުންނާއި އެއާރ ކޯރގެ ޑްރޯން އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ގުޅިގެން ކަނޑުމަތިންނާއި ޑައިވްކޮށްގެން އަދި ވައިގެ މަގުން ޢަލީ މުޝްފިޤް ޝަރީފް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މުޅިއަކު 18 މީހުންނާ އެކު ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓުގައި އަލިފާން ރޯވިކަމުގެ މަޢުލޫމާތު ރޭ 9:07 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަށް ލިބުމުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސްފައެވެ.
ބޯޓުން ދަތުރުކުރި 18 މީހުންގެ ތެރެއިން 17 މީހުން ވަނީ ސަލާމަތްކޮށްފައިވާ ކަމަށާއި މި މަސައްކަތުގައި، ތ.އަތޮޅު ޕޮލިސް ސްޓޭޝަނުގެ ފަރާތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑަށް ބޮޑު އެހީތެރިކަމެއް ލިބެމުން ކަމަށް ވެސް ބުނެފައިވެއެވެ.
މި ހާދިސާގައި އަލިފާން ރޯވި ”ހޮޅުދޫ ބޯޓް“ ރޭ ދަންވަރު 02:07 ހާއިރު ވަނީ އަޑިއަށް ގޮސްފައެވެ.
ބޯޓުގެ ބައިތައް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށާއި ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.



