އެމެރިކާއަށް އެތެރެކުރާ ރާއްޖޭގެ މުދަލުންވެސް 10 ޕަސެންޓުގެ ޓެރިފެއް ނަގާނެ ކަމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވައިފިއެވެ.
ޚާރިޖީ ވިޔަފާރީގެ އުސޫލުތަކުގެ ސަބަބުން ”ގައުމީ ކުއްލި ނުރައްކަލެއް“ އުފެދިފައިވާ ކަމަށާއި އެހެންކަމުން ބައިނަލްއަގްވާމީ އިމްޕޯޓުތަކުން ޓެރިފް ނަގާނެކަން ޓްރަމްޕް ވަނީ އިއްޔެ ހާމަކުރައްވާފައެވެ.
ޓްރަމްޕް ބުދަ ދުވަހު އިއުލާން ކުރެއްވީ އެމެރިކާއަށް އެކްސްޕޯޓްކުރާ ހުރިހާ ފަރާތްތަކެއްގެ އަތުން މަދުވެގެން %10 ޓެރިފް ނަގާނެ ކަމަށާއި، އެމެރިކާއާއެކު ވިޔަފާރީގެ ބޮޑެތި އިމްބެލެންސްތައް ހުއްޓުވުމަށްޓަކައި 60 އެއްހާ ގައުމަކުން އިތުރު ޑިއުޓީއެއް ނަގާނެ ކަމަށެވެ.
ޓެރިފް ނަގާނެ ޤައުމުތަކާއި ރޭޓުތައް ހާމަކޮށްފައި ވާއިރު އެމެރިކާއަށް އެތެރެކުރާ ރާއްޖޭގެ މުދަލުން ޓެރިފް ނަގަން ހަމަޖެހިފައިވަނީ 10% އެވެ.
އެގޮތުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން ރާއްޖެއިން އެ ޤައުމަށް އެތެރެކުރާ މުދަލަށް 10 ޕަސެންޓުގެ ޓެރިފެއް ދައްކަންޖެހޭނެއެވެ.
ރާއްްޖޭގެ މުދަލުން 10% ގެ ޓެރިފް ނަަގަން ހަމަޖެހިފައި ވާއިރު، އެހެން ގައުމުތަކުން އެތެރެ ކުރާ މުދަލަށް ވަރަށް ބޮޑު ރޭޓެއްގައި ޓެރިޕް ނަގަން އެމެރިކާއިން ވަނީ ނިންމާފައެވެ.
އެމެރިކާއިން ޤަބޫލުކުރާ ގޮތުގައި ޤައުމުތަކުން ޓެރިފް ނެގުމުގެ ސަބަބުން އެ ޤައުމުގެ އުފެއްދުންތެރިކަން އިތުރުވާނެއެވެ. އަދި މިކަމުގެ ސަބަބުން ކުރިން ނުލިބޭ ފަދަ ކުރިއެރުންތަކެއް އެ ޤައުމަށް ލިބިގެންދާނެއެވެ.




