މިދިޔަ އަހަރު ގެ ނޮވެމްބަރު މަހު، ހިޔާ ފްލެޓް އެޗް9 ގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށް، އޭނާގެ ބޯ ބާލައި އެ މީހާގެ އިނގިލި ބުރިކުރަން އުޅުނުކަމުގެ މައްސަލައިގައި ހައްޔަރު ކުރި 12 މީހުންގެ ތެރެއިން އެކަކު، ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ މ. ކޮޅުފުށި، އާރެސް، ހަސަން ޣާލިބް (38އ.) އެވެ. ކްރިމިނަލް ކޯޓުން ޣާލިބުގެ ބަންދު 15 ދުވަހަށް އިތުރުކޮށް ނެރުނު އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާއަކީ ކުށުގެ ރެކޯޑް ގިނަ މީހެކެވެ.
ހިޔާ ފްލެޓުގައި މިދިޔަ އަހަރު މީހަކު ރަހީނު ކޮށްގެން ހިނގި އެ ހާދިސާގައި، އެމީހާއަށް އަނިޔާކޮށް އޭނާގެ ބޯ ވެސް ބާލާފައިވެއެވެ. އެމީހާ ފުލުހުން ސަލާމަތް ކުރީ، ބާރުގެ ބޭނުން ކޮށްގެން އެ އެޕާޓްމަންޓުގެ ދޮރު ވައްޓާލައިގެންނެވެ.
އެ މައްސަލައިގައި ޣާލިބު އާއި އިތުރު 11 މީހަކު ހައްޔަރު ކުރިނަމަވެސް، އެމީހުންގެ މައްޗަށް ދައުވާކުރަން ފޮނުވުމަށްފަހު ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.



