ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭ އުމުރުފުރާ ގާނޫނީ ގޮތުން ކަނޑައެޅުމަށް އާއްމުންގެ ހިޔާލަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުވާލައްވައިފިއެވެ.
ރައީސް މުޢިއްޒު އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓުގައި މިއަދު ވަނީ، އެހެން ބައެއް ގައުމުތަކެކޭ އެއްގޮތަށް، ރާއްޖޭގައި ވެސް ޒުވާނުން ދުންފަތާ ދުރުކުރުމަށް ”ޖެނަރޭޝަން ބޭން“ ނުވަތަ ވަކި އުމުރެއްގެ މީހުންނަށް ދުންފަތް މަނާވާ ގޮތަށް ކަނޑައަޅަން ނިންމަވައި އެކަން އިއުލާނުކުރައްވާފައެވެ.
އެކަން އިއުލާނު ކުރެއްވުމަށްފަހު އެމަނިކުފާނު ވަނީ ދުންފަތް މަނާ ކުރާނެ އުމުރުފުރާ ކަނޑައެޅުމަށް ޕޯލެއް ވެސް ހިމަނުއްވައިފައެވެ.
މިއީ އާންމުންގެ ހިޔާލަށް ސޯޝަލް މީޑިއާގައި ރާއްޖޭގެ ރައީސަކު ޕޯލެއް ހިމެނުއްވި ފުރަތަމަ ފަހަރެވެ.
ރައީސްގެ ”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓުގައި އިއްޔެ ދެއްކި ދެވަނަ އެޕިސޯޑުގައި އެމަނިކުފާނު ވިދާޅުވި ގޮތަށް ޕޯލްގައި ވެސް ވަނީ ތިން އިހުތިޔާރެއް ދެއްވައިފައެވެ. އެއީ 2007ގެ ޖެނުއަރީ، 2004ގެ ޖެނުއަރީ އަދި 2000ގެ ޖެނުއަރީ 1 ގައި އުފަންވި މީހުންނަށް ދުންފަތް މަނާކުރުމެވެ.
”ޖެނެރޭޝަން ބޭން“ އަކަށް ރައީސް މުޢިއްޒު ހުށަހަޅުއްވާފައިވަނީ، މި އަހަރުތަކުގައި އަދި އޭގެ ފަހުން އުފަންވެފައިވާ ކުދިންނަށް، އެކުދިންގެ އުމުރުގެ ކުރިއަށް އޮތްތަނުގައި ސިނގިރޭޓާއި ދުންފަތް މަނާކުރުމަށެވެ.
އޭގެ ސަބަބުން އުމުރުން 18 އަހަރާއި 25 އަހަރުވެފައި ތިބި ކުދިންނާއި އޭގެ ދަށް އުމުރު ފުރާގެ ކުދިންނަށް ސިނގިރޭޓު މަނާވާނެއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މިއީ އެތައް ޖީލެއްގެ ސަލާމަތާއި ރައްކާތެރިކަމަށް އެމަނިކުފާނު އަޅުއްވާ ފިޔަވަޅުތަކެކެވެ. މި ނިންމުމަށް ގިނަ ބައެއްގެ ތާއީދު އޮތްކަން ފާހަގަކުރައްވައި ރައީސް އެދިވަޑައިގަތީ މިކަމުގައި އެންމެން އެއްބާރުލުން ދެއްވުމަށެވެ.



