ޖަރުމަނުގެ ޖަލެއްގައި ގައިދީއަކަށް ޒިޔާރަތްކުރި އަންބަކު މަރާލައިފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ ޖަރުމަނުގެ އިރުމަތީ ސްޓޭޓް ސެކްސޯނީ-އަންހަލްޓް ބާގް ޖަލުގައި ގައިދީއަކަށް އޭނާގެ އަންހެނުން ކުރި ޒިޔާރަތެއްގައި މި ހަފްތާ ތެރޭގައެވެ.
ސްޓެންޑަލް ސިޓީގެ ޕަބްލިކް ޕްރޮސެކިއުޓަރުން ވަނީ 37 އަހަރުގެ އެ ފިރިހެން މީހާގެ މައްޗަށް ގަސްދުގައި މީހަކު މަރާލި ކަމުގެ ތުހުމަތުގައި ދައުވާކޮށްފަ އެވެ.
ޖަރުމަނުގެ އެންމެ ބޮޑު އަދި އެންމެ ޒަމާނީ އެއް މެކްސިމަމް ސެކިއުރިޓީ ކަރެކްޝަނަލް ފެސިލިޓީގައި މި ހާދިސާ ހިނގާފައި ވަނީ ވިޒިޓާ ސްޕޭސް ކަމަށް ބުނާ ތަނެއްގައި ”ސުޕަވައިޒް“ ނުކޮށް އެކަހެރި ބައްދަލުވުމެއްގައި ތިއްބާއެވެ.
ގައިދީންނާއި އެމީހުންގެ އާއިލާތަކަށް ޕްރައިވެސީ ދިނުމަށް އެ ތާނގައި ތިބޭއިރު ޒިޔާރަތްކުރާ މީހުން ސަރވައިލް ނުވަތަ ސުޕަވައިޒްއެއް ނުކުރެއެވެ.
މި ހާދިސާގައި އަނބިމީހާ މަރާލި ކަމަށް ގައިދީއަށް ތުހުމަތު ކުރެވޭތީވެ 35 އަހަރުގެ އެ އަންހެން މީހާ މަރުވި ސަބަބު ދެނެގަތުމަށް އޮޓޮޕްސީއެއް ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
އޮޓޮޕްސީ ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު އޭގެ ނަތީޖާ ލިބޭނެ ކަމަށް ލަފާކުރެވެނީ އަންނަ ހަފްތާގެ ކުރީކޮޅުއެވެ.
ސްޓެންޑަލް ޕޮލިސް ޑިޕާޓްމަންޓުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
2009 ވަނަ އަހަރު ބިނާކުރި ބާގް އަކީ ޖަރުމަނުގައި ހުރި އެންމެ ޒަމާނީ މެކްސިމަމް ޕްރޮޓެކްޝަން ކަރެކްޝަނަލް ފެސިލިޓީތަކުގެ ތެރެއިން އެއް ފެސިލިޓީ އެވެ.



