ކޯޓޭޝަން ދޫކުރާ ފަރާތަކީ އެ މުދާ ވިއްކާ ފަރާތްކަން ކަށަވަރުކުރަން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އެދިއްޖެއެވެ.
އެސްޑީއެފްސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ލޯނަށް އެދޭއިރު ހުށަހަޅާ ކޯޓޭޝަންތަކަށް ސަމާލުވާން އެދިފައެވެ.
އެގޮތުން ކޯޓޭޝަން ދޫކުރާ ފަރާތަކީ އެ ކޯޓޭޝަނެއްގައި ހިމެނޭ މުދަލާއި ޚިދުމަތްތައް ވިއްކުމުގައި ހަރަކާތްތެރިވާ ވިޔަފާރިއަކަށް ވާންޖެހޭނެ ކަމަށް އެސްޑީއެފްސީން ވަނީ ބުނެފައެވެ.
މީގެ އިތުރުން ކޯޓޭޝަން ދޫކުރާ ފަރާތަކީ އެފަދަ މުދަލާއި ޚިދުމަތްތައް ވިއްކުމުގައި ހަރަކާތްތެރިވާކަން ކަށަވަރު ނުކުރެވޭ ވިއްކާ ފަރާތެއްނަމަ، އެކަން ޔަޤީންކުރެވޭ އެހެން ވިޔަފާރިއަކުން ކޯޓޭޝަން ހޯދުމަށް އެސްޑީއެފްސީން ވަނީ އެދިފައެވެ.
އެސްޑީއެފްސީއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އަލަށް ފެށުމަށާއި ވިޔަފާރިތައް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން 2019 ވަަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.



