އެކުވެރި ދައުލަތްތަކުގެ އަންހެނުންގެ ކޮމިޝަނަށް ރާއްޖެ ހޮވުމަކީ ލިބުނު ފަޚުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ 2026 އިން 2030 އަށް ކުރިއަށްދާ އެ ކޮމިޝަންގެ ދައުރަށް ރާއްޖެ އިންތިޚާބުވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި އެ ކޮމިޝަނަށް ދެން އިންތިޚާބުވި އިތުރު ޤައުމުތަކަށް މަރުޚަބާ ދަންނަވާ، އަންހެނުންގެ ޙައްޤުތަކާއި އަންހެނުން ބާރުވެރިކުރުވުމާ ގުޅުންހުރި ކަންކަމުގައި ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަމުގައި ވިދާޅުވިއެވެ.
ހަމައެހެންމެ ރާއްޖެއިން މި ވޭތުވެދިޔަ އަހަރުތަކުގައި ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އަންހެނުންގެ ހައްޤުތަކާއި ދަރަޖަ ކުރިއެރުވުމުގެ މަގުގައި ގިނަގުނަ ކުރިއެރުންތަކެއް ހޯދައިފާވާކަމުގައި ރައީސް ވިދާޅުވިއެވެ.
މިގޮތުން މި މަގުގައި ދިވެހިރާއްޖެއިން އެންމެހައި ބައިވެރިންނާ ގުޅިގެން މަސައްކަތްކޮށް ކޮމިޝަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، މިހާރަށްވުރެ ޝާމިލުކަން ބޮޑު މުސްތަޤުބަލަކަށް ވާސިލުވުމަށް އުންމީދު ކުރައްވާކަމުގައި ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.


