ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ނަންބަރ 9 ރޯޒްމޮންޓް އެވެނިއު، މޯލްޑިވްސް ސްޓޫޑަންޓްސް އެސޯސިއޭޝަން-ޔޫ.ކޭ (އެމް.އެސް.އޭ- ޔޫ.ކޭ) އާ އަލުން ހަވާލުކުރައްވައިފިއެވެ.
އެ އިމާރާތް އެމް.އެސް.އޭ- ޔޫ.ކޭއާ އަލުން ހަވާލުކުރައްވާފައި ވަނީ ރައީސް މުޢިއްޒު އިނގިރޭސި ވިލާތަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައެވެ.
ޒަމާނުއްސުރެ، އިނގިރޭސިވިލާތުގައި ކިޔަވާ ދިވެހި ދަރިވަރުން ދިރިއުޅުމަށާއި، ނާދީއެއްގެ ގޮތުގައި ބޭނުންކުރަމުންއައި މި ޢިމާރާތް ދުވަސްކޮޅަކަށް، އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގެ ބޭނުމަށް ވަނީ ނަގާފައެވެ.
ރައީސް އޮފީހުން މިރޭ ވިދާޅުވީ މިއަދުން ފެށިގެން، އެ ޢިމާރާތް ވަނީ، އެމް.އެސް.އޭ- ޔޫ.ކޭ އާ ރަސްމީގޮތުން ހަވާލުކޮށްފައި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތައް ކުރައްވަމުންގެންދަވާ ޒިޔާރަތުގައި މިއަދު ވަނީ، އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއެކު މެންދުރުގެ ފަރީއްކޮޅެއްގައި ބައިވެރިވެވަޑައިގެންފައެވެ.
މި ފަރީއްކޮޅުގައި ރައީސް މުޢިއްޒު ވަނީ ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ދަރިވަރުންގެ ސިއްޙަތާއި، ދިރާސީ މަސައްކަތްތަކާބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި މި ސަރުކާރުން، ދަރިވަރުންނަށް ހުރި ދަތިތައް ލުއިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނޭކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި، އެ ތަނެއްގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ކަމެކެވެ.


