ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ދިޔަ ބިދޭސީއެއްގެ އަތުން ވަޒަންތަކެއް ފެނިގެން، އެމީހާ ހުއްޓުވައި ހައްޔަރުކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސައުތު އެފްރިކާ މީހެކެވެ.
އެމީހާ ހައްޔަރު ކޮށްފައިވަނީ އެމިރޭޓްސް ފްލައިޓެއްގައި ދުބާއީއަށް ދާން ރޭގައި ފުރަން ދަނިކޮށް ކަމަށާއި އޭނާގެ އަތުން 14 ވަޒަން ފެނިގެން ކަމަަށް ވެސް މައުލޫމާތު ލިބެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އީކޭ653 ފްލައިޓުން ފުރަން ދިޔަ އެފަސިންޖަރު ހައްޔަރުކޮށްފައިވަނީ ވަރަށް ގިނައިރުތަކެއް ވަންދެން ސިފައިން، އޭނާ އާ ސުވާލުކުރުމަށްފަހުގައެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ރޭ ވީއައިއޭ އިން ފުރަންދިޔަ ބިދޭސީއެއްގެ އަތުން ވަޒަންތަކެއް ފެނިފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 6 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.




