ކުޅުދުއްފުށި ސިޓީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި މީހަކު އަމިއްލައަށް މަރުވާން މަަސައްކަތްކުރި މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބަލަން ފަށައިފިއެވެ.
މިކަމާއި ގުޅިގެން އެންއައިސީން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ރޭ 21:12 ހާއިރު އަމިއްލައަށް މަރުވާން މަސައްކަތް ކުރިކަމުގެ މައުލޫމާތު އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.
އެހެންކަމުން އެކަން ހިނގައި ދިޔަ ގޮތް ދެނެގަތުމަށް އެ ކޮމިޝަންގެ ކުއްލި ހާލަތްތަކުގައި އިޖާބަދޭ ޓީމުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެންއައިސީން ހާމަކޮށްފައި ވެއެވެ.
ރޭގެ ވަގުތެއްގައި އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ ކުޅުދުއްފުށީގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ރޭ 21:12 ހާއިރު އަމިއްލައަށް މަރުވާން މަސައްކަތް ކުރި ކޮށްފައިވާ ކަމަށެވެ.
އެ މީހާއަކީ މަސްތުގެ ހާލަތުގައި ހުރެގެން ގޭތެރޭގެ ތަކެއްޗަށް ގެއްލުންދީ ހަމަނުޖެހުން ހިންގި މައްސަލައެއްގައި އޭޕްރިލް 2 ވަނަ ދުވަހު ހައްޔަރުކުރި މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން ފުލުހުން ރޭ ބުނީ އުމުރުން 34 އަހަރުގެ އެ މީހާއަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.



