މާލޭ ހަވީރީ ހިނގުމުގެ މަގުމަތީގައި ކުނި ބަހައްޓާ މީހަކު ހޯދުމަށް، އެމީހާގެ ވީޑިއޯ މާލޭ ސިޓީ ކައުންސިލުން އާންމުކޮށްފިއެވެ.
ގަވާއިދާ ޚިލާފަށް، މާލޭގެ މަގުތައް މައްޗަށް ކުނި ނެރެފައި ބަހައްޓާ މައްސަލަ ދޭތެރެއަކުން ފެންމަތިވެއެވެ. އަދި އެފަދަ އަމަލު ހިންގާ މީހުންގެ ވީޑިއޯވެސް ސިޓީ ކައުންސިލުން ދަނީ އާންމު ކުރަމުންނެވެ.
އެ ކައުންސިލުން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ވަނީ، ހަވީރީ ހިނގުމުގެ މަގުމަތީގައި ފިރިހެނަކު ކުނިތަކެއް ބަހައްޓާފައިދާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުކޮށްފައެވެ. އެމީހާ ހިނގާފައި ގޮސް، ކުޑަ ކޮތަޅެއްގެ ކުނި، މަގުގެ ކަންމައްޗަށްވާ ގޮތަށް، ދުވާރުމަތީގައި ބަހައްޓާފައި ދަނީއެވެ. އެ ގަޑީގައި ވެސް ދުވާރުމަތީގައި ތިން ކަޅު ކޮތަޅުގެ ކުނި ބަހައްޓާފައި ހުއްޓެވެ.
މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ މަގުމައްޗަށް ކުނި އަޅަމުންދާ އެމީހާ އެ ކައުންސިލުން ހޯދަމުންދާ ކަމަށެވެ.
ސިޓީ ކައުންސިލުން އަންނަނީ މަގަށް ކުނި އަޅާ މީހުން 500 ރުފިޔާއިން ޖޫރިމަނާކޮށް އެ މީހުންގެ ވީޑިއޯތައް މީސްމީޑިއާގައި އާންމުކުރަމުންނެވެ. ނަމަވެސް، އެކަން ތަކުރާރުކޮށްފި ނަމަ އެ އަދަދަށްވުރެ އިތުރަށް ޖޫރިމަނާ ކުރަން ގާނޫނުގައި ބުނެފައިނުވާ ކަމަށް ސީޓީ ކައުންސިލުން ބުނެފައިވެއެވެ.
މަގުތަކުގައި ކުނި ބަހައްޓާ މީހުންގެ ފޮޓޯއާއި ވީޑިއޯ ފޮނުވުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ. އެގޮތުން ކައުންސިލްގެ ވައިބާ އަދި ވަޓްސްއެޕް ނަންބަރު ކަމަށްވާ 9341144 އަށް ނުވަތަ ކައުންސިލްގެ ވެބްސައިޓު މެދުވެރިކޮށް ފޮނުވަން އެ ކައުންސިލުން ވަނީ އެދިފައެވެ.



