ޣައްޒާގެ ދާރުލް އަރްޤަމް ސްކޫލަށް އިސްރާއީލު ސިފައިން ދިން ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ހަމަލާގައި ކުށެއްނެތް އަންހެނުންނާއި ކުޑަކުދިން މަރުވެ އެތަކެއް ބަޔަކުވަނީ ޒަޚަމްވެފައެވެ.
މީގެ އިތުރުން، ސަޢޫދީ ސެންޓަރ ފޯ ކަލްޗަރ އެންޑް ހެރިޓޭޖުން ޣައްޒާގައި ހިންގާ ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ރައްކާކުރާ ގުދަނަކަށް އިސްރާއީލުން ދިން ހަމަލާވެސް ދިވެހި ސަރުކާރުން ވަނީ ކުށްވެރި ކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، މިދަފަ ހަމަލާތަކަކީ ބައިނަލްއަޤްވާމީ ޤަނޫނާއި ބައިނަލްއަޤްވާމީ އިންސާނިއްޔަތުކަމާބެހޭ ޤާނޫނާ މުޅިން ޚިލާފު އަމަލުތަކެއްކަން ފާހަގަކޮށްފައެވެ.
”އިސްރާއީލުން ހިންގާ މިފަދަ އަނިޔާވެރި ޢަމަލުތައް ވަގުތުން ހުއްޓުވައި، މި ޢަމަލުތަކަށް އިސްރާއީލު ޖަވާބުދާރީކުރުވައި، ޣައްޒާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުށްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ދިވެހިރާއްޖެއިން ގޮވާލާ ގޮވާލުން ތަކުރާރުކުރަން“ ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
ރާއްޖެއިން ފަލަސްޠީނުގެ ރައްޔިތުންނަށް ކުރާ ތާޢީދު ތަކުރާރުކޮށް، މި މައްސަލައަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި ޙައްލެއް ހޯދޭނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރެވިގެންކަމުގައި ރާއްޖެއިން ދެކޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.




