ޢުމްރާގެ އަޅުކަމުން އެނބުރި އައުމަށްފަހު ރޯގާޖެހި ބޮޑުވަރުވާނަމަ، ޑޮކްޓަރަށް ދެއްކުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
ނިމިދިޔަ ރަމަޟާން މަހުގެ ފަހު ދިހައެއްގައި ޢުމްރާ ކުރުމަށް ޙައްޖު ކޯޕަރޭޝަނާއި އެހެން ގްރޫޕްތަކުގެ ފަރާތުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ޢުމްރާއަށް މައްކާއަަށް ފުރާފައެވެ. އަދި ޢުމްރާގެ މަތިވެރި އަަޅުކަމަށްފަހު ޢުމްރާވެރިން ވަނީ އެނބުރި ރާއްޖެ އަންނަން މިއަދު ފަށާފައެވެ.
ޙައްޖާއި ޢުމްރާއިން އެނބުރި އަންނަ މީހުން އާންމު ގޮތެއްގައި ރޯގާޖެހި، ބަލިވެއެވެ. އެހެންކަމުން އެފަރާތްތަކުން އިސްކަންދޭންވީ ކަންތައްތައް އެޗްޕީއޭއިން މިއަދު ވަނީ ހާމަކޮށްފައެވެ.
އެގޮތުން އެޗްޕީއޭއިން މިއަދު ވަނީ ޢުމްރާއަށްފަހު އަންނަ މީހުން އަރިދަފުސް ރޯގާޖެހި ކެއްސާ، ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ނިވާކުރުމަށް އިލްތިމާސް ކޮށްފައެވެ. އަދި ޓިޝޫފަދަ ތަކެތި ބޭނުން ކޮށްފިނަމަ، ރައްކާތެރިކަމާއެކީ އެތަކެތި ނައްތާލުމަށާއި ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުމަށްވެސް އެޗްޕީއޭއިން އިލްތިމާސް ކޮށްފައިވެއެވެ.
މީގެއިތުރުން އެޗްޕީއޭއިން ބުނީ، ޢުމްރާއިން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި ހުން އައިސް، ކެއްސައި ނޭވާލާން އުނދަގޫވެ މޭގައި ރިއްސުންފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށެވެ. އަދި ރޯގާ ނޫން އެހެން ބައްޔެއްގެ އަލާމާތެއް ފެންނަނަމަވެސް ޑޮކްޓަރަށް ދެއްކުމަށްވެސް އެޗްޕީއޭއިން އިލްތިމާސް ކޮށްފައިވެއެވެ.
ޑޮކްޓަރަށް ދައްކާއިރު، ޢުމްރާއިން އެނބުރި އައި މީހެއްކަމުގެ މައުލޫމާތުވެސް ދައްކަންވާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.



