ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ކުޅިވަރުގެ ދާއިރާއިން ހުރިހާ ޖިންސަކަށް ވެސް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ތަރައްޤީ އާއި ސުލްޙަ ޤާއިމުކުރުމުގައި ކުޅިވަރު އަދާކުރާ ދައުރު ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ ދުވަހާ ގުޅިގެން ފޮނުއްވި ޚާއްޞަ މެސެޖެއްގައެވެ.
ރައީސްގެ ”އެކްސް“ އެކައުންޓުން ހިއްސާކުރެއްވި އެ މެސެޖުގައި، ވިދާޅުވީ އެއްބައިވަންތަކަމާއި ބާރުވެރިކުރުމާއި، ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށް ކުޅިވަރަށް ލިބިފައިވާ ބާރުގެ ފުރިހަމަ ބޭނުން ހިއްޕަވަން ގަސްދުކުރައްވާކަމަށެވެ.
ރައީސް ވަނީ މި އަހަރުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައިވާ ”ލެވެލިންގ ދަ ޕްލެއިންގ ފީލްޑް: ސްޕޯޓް ފޯ ސޯޝަލް އިންކްލޫޝަން“ ގައި އިޝާރާތްކުރާ އިޖުތިމާޢީ ބައިވެރިވުމަކީ، ކުޅިވަރުކުޅުމުގެ ފުރުޞަތުތައް ލިބުމުގައި، މީހާގެ ޢުމުރަކަށް، ނަޞްލަކަށް، މިންތިއަކަށް ބެލުމެއް ނެތި، ދުޅަހެޔޮ، ހަރަކާތްތެރި ދިރިއުޅުމަކަށް ހަމަހަމަ ފުރުޞަތު ކަށަވަރުކޮށްދިނުމުގައި ސަރުކާރުން ދެކޭ ތަޞައްވުރާ އެއްގޮތް ޝިޢާރެއްކަން ފާހަގަކުރައްވާފައެވެ.
މިގޮތުން އެ ފުރުޞަތުތައް ކަށަވަރުކޮށްދެއްވުމުގެ ޢަޒުމުގައި، ރާއްޖޭގެ ކުޅިވަރުގެ ކުރިމަގު ބަދަލުކޮށްލާފަދަ މަޝްރޫޢުތަކެއް މިހާރު ތަންފީޒުކުރައްވަމުން ގެންދަވާކަން ރައީސް ހާމަކުރެއްވިއެވެ.
ހަމައެހެންމެ ކުޅިވަރުގެ ސިންދަފާތު އިތުރުކޮށް، ކުޅިވަރުކުޅުމަށް ހަމަހަމަ ކަމާއެކު ފުރުޞަތު ފަހިކޮށްދީގެން، އިޖުތިމާޢީ ފޭރާންވެސް ރަނގަޅު ކުރެވޭނޭކަމަށް ރައީސް ވިދާޅުވިއެވެ.
ރައްޔިތުން އެއްބައިވަންތަކޮށް، އިޖުތިމާޢީ ތަފާތުތައް ނައްތާލައި، ބައިވެރިވުން އިތުރުކުރުމުގެ ލާސާނީ ޤާބިލުކަމެއް ކުޅިވަރަށް ލިބިފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
އަދި ކުޅިވަރު މެދުވެރިކޮށް ޤައުމީ ތަރައްޤީއަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް، ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރައީސް ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ޤާއިމުކުރެއްވުމަށް ކުރިއަށް ގެންދަވާ މަސައްކަތުގެ ދަށުން، ޖޯގްރަފީގެ ގޮތުން ފެތުރިފައިވާ ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް ކަސްރަތުކުރުމަށް ބޭނުންވާ ވަޞީލަތްތައް ފަހިވެގެންދާނޭކަމަށް ރައީސް ވިދާޅުވިއެވެ.
މިގޮތުން ނަތީޖާއެއްގެ ގޮތުން، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިރިއުޅުމެއް ޚިޔާރުކުރަން ބާރު ލިބި، އިޖުތިމާޢީ ގުޅުންތައްވެސް ހަރުދަނާވުމަށް، މިކަމުން މަގުފަހިވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
އެ މަނިކުފާނުގެ މެސެޖުގައިވަނީ، ކުޅިވަރު ތަރައްޤީކުރެއްވުމަށް ކުރައްވަމުން ގެންދަވާ ދުރު ރާސްތާ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން، 20 އަހަރުގެ ނޭޝަނަލް ސްޕޯޓްސް ޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން ކުޅިވަރު ލާމަރުކަޒުކޮށް، ހުނަރު ކުރިއަރުވައި، ތަމްރީނުގެ ފުރުޞަތުތަކާއި މުބާރާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެތުލީޓުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް، ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅުނު ކަމުގައިވިޔަސް، އެ ދާއިރާއިން ކުރިއަށްދިއުމުގެ މަގުފަހިވެގެންދާނެ ކަމަށެވެ.


