ބަނގުރާ ދަޅުތަކެއް ގެންގުޅުނު މައްސަލައިގެ ތުހުމަތުގައި ދެ ބިދޭސީން ހައްޔަރުކޮށްފިއެވެ.
މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލެއިންނެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޓަކް ބަހާދުރު ރިލަމީ، ނޭޕާލް (34އ) އާއި ބަހާރުއްދީން، ބަންގުލަދޭޝް (34އ) ކަމަށެވެ.
މި ދެ މީހުންނަކީ ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރޭ 22:00 އެހައިކަންހާއިރު ޕެޓްރޯލް ކުރަމުންދިޔައިރު، ރީތިގަސް މަގު ބުރިޖު ދަށުން ޑިންގީއަކުން ފޭބި ދެ މީހުން ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.
އެގޮތުން ފޮށިގަނޑެއް ހިފައިގެން ޑިންގީން މި ދެ މީހުން ފެބި ވަގުތު ފުލުހުން ފެނުމުން އެ ތަނުން އެކަކު ފިލަން މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެހެންކަމުން އެ ދެ މީހުން ހައްޔަރުކޮށް، އެ މީހުން ގެންގުޅުނު ފޮށިގަނޑު ބަލައި ފާސްކުރިއިރު 72 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.




