ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާދަމް ޝާމިލް ދޮގު މައުލޫމާތު ދީފައިވާ ކަމަށްބުނެ، އަޒްމިރަލްދާގެ ފަރާތުން މިއަދު ފުލުހަށް މައްސަލަ ހުށަހަޅައިފިއެވެ.
މިކަމާ ގުޅޭގޮތުން ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލު އިބްރާހިމް ޝަމީލް މީޑިއާތަކާ ހިއްސާ ކޮށްފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، ފަނޑިޔާރު އަޒްމިރަލްދާގެ މައްޗަށް ޖިނާއީ ތަހުގީގެއް އޭސީސީން ފަށާފައިނުވަނީސް، ފަނޑިޔާރުގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަމުންދާކަމަށް ބުނެ އެ ކޮމިޝަންގެ ރައީސް ޝާމިލް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ސިޓީއެއް ފޮނުއްވާ ދޮގު މައުލޫމާތު ދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައިގައި ޝާމިލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ދިނުމަށް ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން މިއަދު ފުލުހަށް މައްސަލައެއް ހުށަހަޅުއްވާފައިވާ ކަމަށެވެ.
މީގެއިތުރުން އަޒްމިރަލްދާއަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރި މައްސަލައިގައިވެސް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި ފަނޑިޔާރުގެ ފަރާތުން މިއަދު ފުލުހަށް މައްސަލައެއް ހުށަހަޅުއްވާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
އަޒްމިރަލްދާ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްޗަށް އޭސީސީން ތަހުގީގު ހިންގަނީ އަޒްމިރަލްދާގެ ފިރިކަލުން އިސްމާއީލް ލަތީފްގެ ބަންދު އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެވެ. ނަމަވެސް އޭސީސީން ބަލާ މައްސަލައެއް އެ ކޮމިޝަނުން ރަސްމީކޮށް ހާމަ ކޮށްފައެއް ނުވެއެވެ.
އޭސީސީން ތަހުގީގުކުރާ މައްސަލާގައި ބަޔާން ނެގުމަށާއި ސުވާލުކުރުމަށް މަހާޒާއި އަޒްމިރަލްދާއަށް އަދި އަންގާފައެއް ނުވެއެވެ. ނަމަވެސް މިކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ތިން ގާޒީއެއްގެ ބަޔާން ކޮމިޝަނުން ނެގި އެވެ. އެއީ ސޮފްއަތު ހަބީބް، އިބްރާހީމް ޒިހުނީ އަދި އިސް ގާޒީ އާދަމް މުހައްމަދު ގެއެވެ.



