އިންޑިއާގެ މަޝްހޫރު ޓީވީ ޝޯ ސީއައިޑީގެ މެއިން އެއް ކެރެކްޓަރ ކަމުގައިވާ އޭސީޕީ ޕްރަދްޔޫމަން، އެ ޝޯގައި މަރުވެއްޖެއެވެ.
މުޅިއަކު 21 އަހަރު ވަންދެން ދެއްކި ސީއައިޑީގައި، އެ ޓީމުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހަރަކާތްތެރިވާ އޭސީޕީ ޕްރަދްޔޫމަން މަރާލުމުން ގިނަ ފޭނުންވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ.
ކުރިން ސޮނީ އެންޓަޓެއިންމެންޓް ޓެލެވިޝަން އިން ދެއްކި އެ ޝޯ، ފަހުން ވަނީ ނެޓްފްލިކްސްއިން ދައްކާ ގޮތަށް ބަދަލުކޮށްފައެވެ.
ބެލުންތެރިންގެ މެދުގައި ހޫނު ތަރުހީބެއް ލިބިނު ސީއައިޑީގެ އެންމެ ފަހުން ދެއްކި އެޕިސޯޑުގައި، ޕްލޮޓަށް ބޮޑު ޓްވިސްޓެއް ގެނެސް، އެ ސީރީޒްގެ ޕްރޮޑިއުސަރުން ވަނީ އޭސީޕީ ޕްރަދްޔޫމަން ބޮމުގެ ހަމަލާއެއްގައި މަރުވާކަން ދައްކާފައެވެ. އަދި ސޯޝަލް މީޑިއާގައި އެ ޝޯގެ ޕޭޖުންވަނީ އޭސީޕީގެ ފޮޓޯއަކާއެކު ”ރެސްޓް އިން ޕީސް“ ޖަހާފައި ފޮޓޯއެއްވެސް ޕޯސްޓު ކޮށްފައެވެ.
އެ ޕޯސްޓަށް ގިނަ ބަޔަކު ކޮމެންޓު ކޮށްފައިވާއިރު، އެންމެންވެސް ވަނީ މިއީ ބަލައިގަނެވޭނެ ބަދަލެއް ނޫން ކަމަށާއި އޭސީޕީ ޕްރަދްޔޫމަންއާ ނުލައި، ސީއައިޑީ ފުރިހަމަ ނުވާނެ ކަމަށް ވެސް ބުނެފައެވެ. އަދި މީގެފަހުން އެ ޝޯ ނުބަލާނެ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ.
އޭސީޕީ ޕްރަދްޔޫމަންގެ ކެރެކްޓަރ ކުޅެފައިވާ ޝިވާޖީ ސަތަމް ވަނީ ޝޯއިން އޭނާއަށް ލިބުނު މަގުބޫލުކަން ފާހަގަކޮށް ޝުކުރު އަދާ ކޮށްފައެވެ. އަދި މި ޝޯގެ ސަބަބުން ގިނަ އަދަދެއްގެ ޒުވާނުންވެސް ފުލުހުންނަކީ ބަޠަލުންގެ ގޮތުގައި ދެކޭ ކަމުގައި ޝިވާޖީ ބުނެފައިވެއެވެ.


