ކަނޑުގެ ދިރުންތަކާއި ގުޅޭ ސައިންޓިފިކް މައުލޫމާތު އެއްކޮށް ދިރާސާކުރާ މޯލްޑިވްސް މެރީން ރިސާޗް އިނިސްޓިޓިއުޓް (އެމްއެމްއާރްއައި)ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް މުޙައްމަދު ޝިމާލް އައްޔަން ކުރައްވައިފިއެވެ.
ޝިމާލް އެ މަޤާމަށް އައްޔަނު ކުރައްވާފައި ވަނީ އެ މަޤާމުގައި ކުރިން ހުންނެވި ޝަފިއްޔާ ނައީމު މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އެ މަޤާމުން ވަކިވެފައިވާތީއެވެ.
މެރީން ރިސާޗް އިންސްޓިޓިއުޓުން ބުނީ 10 އަހަރުގެ ތަޖުރިބާއާއި، ހިންގުމުގެ ހުނަރާއެކު ޝިމާލުގެ ހިންގުންތެރިކަމުގެ ދަށުން އެމްއެމްއާރްއައިއަށް ހުޅުވިގެން އަންނަނީ މުޅިން އާ ބާބެއް ކަމަށާއި އޭނާ އަކީ ގާބިލު ފަރާތެއް ކަމަށެވެ.
މިގޮތުން ދިރާސާކުރުމުގެ މަސައްކަތުގައި ޝިމާލް ކުރައްވާ މަސައްކަތް ފާހަގަކޮށް ހިސާބުތަކުގެ އަލީގައި ކަންކަން ދެނެގަތުމަށް އޭނާ ބާރު އަޅުއްވާ މިންވަރަކީ ވެސް އޭނާގެ ގާބިލުކަން ހާމަވާ ކަމެއް ކަމަށް އެ އިންސްޓިޓިއުޓުން ބުނެފައި ވެއެވެ.
ޝިމާލް ވަނީ ނޭޝަނަލް ރިސާޗް ކައުންސިލްގެ މެންބަރުކަމާއި އިންޑިއަން އޯޝަން ޓޫނާ ކައުންސިލް (އައިއޯޓީސީ)ގައި ވެސް މަސައްކަތް ކުރައްވާފައެވެ.



