ހއ. ދިއްދޫގައި ތަރައްޤީކުރި ލޮނު އުފައްދާ ފެކްޓްރީ ހުޅުވައި، 3 ވައްތަރެއްގެ ލޮނު އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.
ދިއްދޫގައި ލޮނު ފެކްޓަރީއެއް ޤާއިމުކޮށްފައި ވަނީ ދިވެހި ކުންފުންޏަކާއި ޖަޕާނުގެ ކުންފުންޏަކާއި ގުޅިގެންނެވެ.
ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު މިއަދު މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެ ފެކްޓަރީގެ ފޮޓޯ ހިއްސާކޮަށް، ވިދާޅުވީ ރާއްޖޭގައި މުޅިން އަލަށް ހުޅުވުނު ލޮނު ފެކްޓްރީ މިއަދު ދިއްދޫގައި ހުޅުވާފައިވާ ކަމަށެވެ.
”މި ދުވަހަކީ ދިއްދޫގެ ތާރީހުގައި ލިޔެވިގެން ދާނެ ދުވަހެއް އަދި ދިއްދޫގެ ރައްޔިތުންނަށް ލިބިގެންދާނެ އުފަލެއް ކަމުގައި ދެކޭ ދުވަހެއް“ ދިއްދޫ ކައުންސިލްގެ ރައީސް ވިދާޅުވެފައި ވެއެވެ.
ދިއްދޫ ލޮނު ފެކްޓަރީ އިން ކެއުމަށް ބޭނުން ކުރާ ލޮނާއި، ލޮނު މަސް އެޅުމަށް ބޭނުން ކުރާ ލޮނާއި ޚާއްސަ ބާވަތްތަކަށް ޚާއްސަ ލޮނު ހިމެނޭހެން ތިން ވައްތަރެއްގެ ލޮނު އުފައްދާނެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަތަށް ޤާއިމުކުރި ލޮނު ފެކްޓަރީގައި އުފައްދާ ލޮނު ރާއްޖޭގެ ރިސޯޓްތަކަށާއި ޖަޕާނަށް ސަޕްލައި ކުރާނެއެވެ.
އެ ފެކްޓްރީ އެޅުމަށް ދިއްދޫ އިން 15،000 އަކަފޫޓުގެ ބިމެއް 35 އަހަރު ދުވަހަށް ކުއްޔަށް ދޫކޮށް އެ މަސައްކަތް ފެށީ މިދިޔަ އަހަރުއެވެ. އެ ފެކްޓްރީ އަޅަން ދޫކުރި ބިމުން ދިއްދޫ ކައުންސިލަށް މަހަކު 12،000ރގެ އާމްދަނީއެއް ލިބޭނެއެވެ.



