ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސ. ހިތަދޫ ބާޒީގެ / އޮނަރަބަލް އަލްއުސްތާޛު ޙުސައިން ޝަހީދު، މިއަދު އައްޔަނު ކުރައްވައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޝަހީދު، މި މަގާމަށް އައްޔަނު ކުރައްވާފައި ވަނީ އެކަމަށްޓަކައި ރައީސް އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ފަނޑިޔާރު ޝަހީދު، ޖޭއެސްސީގެ މެންބަރުކަމަށް އައްޔަނުކުރެއްވީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ށ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު (ޤާނޫނު ނަންބަރު 2008/10) ގެ 3 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ.
ޖޭއެސްސީގެ މެންބަރުކަމަށް އައްޔަނު ކުރެއްވުމުގެ ކުރިން، ފަނޑިޔާރު ޙުސައިން ޝަހީދު ވަނީ، އެ ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ. ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ފަނޑިޔާރު އޮނަރަބްލް ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ. އަދި ހުވައިގެ އިޤްރާރުގައި ފަނޑިޔާރު ޝަހީދު ވަނީ ސޮއިކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަނު ކުރެއްވިކަމުގެ ލިޔުން، ފަނޑިޔާރާ ޙަވާލުކޮށްދެއްވީ ރައީސް މުޢިއްޒުއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޝަހީދަކީ، ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމާއި، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
މީގެއިތުރުން އެމަނިކުފާނު ވަނީ، މާސްޓަރ އޮފް
އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ، އަދި ޖޫރިސްޕްރޫޑަންސް އެންޑްލޯ، އެލް.އެލް.ބީ ހާސިލުކުރައްވާފައެވެ.




