ސްވިމިންގް އެސޯސިއޭޝަނުން ގާއިމު ކުރާ ސްވިމިންގް ޕޫލުގެ މަސައްކަތްތައް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ބައްލަވާލައްވައިފިއެވެ.
އެ މިނިސްޓްރީން ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލޭގައި ޤާއިމްކުރަމުން އަންނަ އެކުއެޓިކް ކޮމްޕްލެކްސްގެ މަސައްކަތް ކުރިއަށްދާގޮތް މިނިސްޓަރު ރާފިއު ބައްލަވާލައްވާފައިވާ ކަމަށެވެ.
މި އަހަރު ނިމުމުގެ ކުރިން އެ ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ނިންމާލުމަށް އަމާޒު ހިފާފައިވާއިރު، މި ވަގުތު ކުރިއަށްދަނީ ޕޫލްގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ކަމަށް ސްޕޯޓްސް މިނިސްޓްރީން ހާމަކުރެއެވެ.
ސްޕޯޓްސް މިނިސްޓްރީން ކުރި ޕޯސްޓުގައި ބުނީ މި ކޮމްޕްލެކްސްއަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް، ބައިނަލްއަޤްވާމީ މުބާރާތްތައް ބޭއްވޭ ފެންވަރަށް ތަރައްޤީކުރާ ކޮމްޕްލެކްސްއެއް ކަމަށެވެ.
ސްވިމިން ތަމްރީންތައް ކުރިއަށްގެންދެވޭގޮތަށް ދެ ބުރިއަށް ތަރައްޤީކުރާ 50 މީޓަރުގެ އެ ޕޫލްގައި މިހާރު ކުރިއަށް ދަނީ ފައުންޑޭޝަން އަޅައި ބޭސް ގާއިމު ކުރުމުގެ މަސައްކަތެވެ.




