މާލޭގެ ގެއަކަށްވަދެ، އެގޭގެ ވެރިފަރާތަށް ބިރުދައްކައި އިންޒާރުދިނުމަށް އެތަނަށް ގެއްލުންދިން މައްސަލާގައި މިދިޔަ މަަހު 8ގައި ހައްޔަރުކުރި ހަތަރު މީހުން ބަންދުގައި މަސްދުވަހު ބެހެއްޓުމަށްފަހު، ކޯޓުން މުއްދަތު އިތުރުނުކުރުމުން އިއްޔެ ދޫކޮށްލައިފިއެވެ.
އެގެއަށް ވަދެ ވެރިފަރާތަށް އިންޒާރުދީ، ތަނަށް ގެއްލުންދެމުންދިޔަ ވީޑިއޯއެއް ވެސް ވަނީ ސޯޝަލް މީޑިއާގައި މީގެ ކުރިން އާންމުވެފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ:
– މުހައްމަދު އަފްލާހް، 23، ރީތިހިޔާ/އއ. މާޅޮސް
– އިބްރާހިމް އަހްނަފް، 21، އެލަސް/ނ. ވެލިދޫ
– މުހައްމަދު އަޒާން، 23، ހަވޭލި/ނ. މަނަދޫ
– އަލީ ނަވާފު، 21، ފަޒާ/ތ. ގުރައިދޫ
އެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ 15 ދުވަސް ޖެހުމަށްފަހު އެ މުއްދަތު ހަމަވުމުން އިތުރު 15 ދުވަސް ޖެހިއެވެ.
ނަމަވެސް ދެވަނަ ފަހަރަށް ޖެހި މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރުކުރުމުން، މުއްދަތު އިތުރު ނުކުރުމުން އެ ހަތަރު މީހުން އިއްޔެވަނީ ދޫކޮށްލާފައެވެ.
އެމީހުންގެ ބަންދާ ގުޅިގެން ކްރިމިނަލް ކޯޓުން އިއްޔެ ވަކިވަކިން ނެރުނު އަމުރުތަކުން އެނގިފައިވާ ގޮތުގައި މި މައްސަލައިގެ ތަހުގީގު ނިންމައި ފުލުހުން ވަނީ ދައުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައެވެ.
ޕީޖީ އޮފީހުން މައްސަލަ ބަލައިގަތް ނަމަވެސް ދައުވާ ކުރުމަށް ވަކިބގޮތެއް ނިންމާފައިނުވާކަން ވެސް އެނގިފައިވެއެވެ.
އެ މީހުންނަށް ދައުވާކުރަން ފޮނުވާފައިވާތީ ފުލުހުން ޝަރީއަތުގައި އެދުނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކަމަށް ވެސް އެނގިފައިވެއެވެ.
ނަމަވެސް ކޯޓުން ކަނޑައެޅީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ ކަމަށް ނިންމަން އެކަށީގެންވާ ވަރަށް ހެއްކާއި ގަރީނާ ނެތް ކަމަށެވެ.




