އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ސެކްރެޓަރީ ޖެނެރަލެއް ހޯދުމަށް ތިންވަނަ ފަހަރަށް އިއުލާނު ކޮށްފިއެވެ.
އޭސީސީއަށް އެސްޖީ އެއްގެ މަގާމު ހުސްވެފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި މުޙައްމަދު ސަލީމުގެ ދައުރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހަމަވުމާ ގުޅިގެންނެވެ.
އެއަށްފަހު އައު އެސްޖީއެއް ހޯދުމަށް އެ ކޮމިޝަނުން ވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު 24ވަނަ ދުވަހު އިއުލާނު ކޮށްފައެވެ.
ދެވަނަ ފަހަރަށް އެ މަގާމަށް ބޭފުޅަކު ހޯދުމަށް އޭސީސީން އިއުލާނު ކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގައެވެ.
ނަމަވެސް އެ މަގާމަށް އަދިވެސް ބޭފުޅަކު އައްޔަނު ކުރެވިފައިނުވާތީ، އޭސީސީއަށް އެސްޖީއެއް ހޯދުމަށް މިއަދު ވަނީ އިއުލާނު ކޮށްފައެވެ.
ފަސް އަހަރުގެ މުއްދަތަކަށް އޭސީސީއަށް އެސްޖީއެއް ހޯދަނީ، މަހަކު 36،500 ރުފިޔާ ލިބޭ ގޮތަށެވެ.
މިއަދު ކުރި އިއުލާންގައި ބުނެފައިވާ ގޮތުން އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މި ހިނގާ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.



