ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ހަށިގަނޑުގެ ވާޗުއަލް އޮޓޮޕްސީއިން ދެއްކި ގޮތުގައި، އޭނާ މަރުވެފައިވަނީ އަމިއްލައަށް ޒަހަމް ވެގެންނެވެ.
ގިނަ ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ޒަކިއްޔާ ފެނިފައިވަނީ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު، އޭނާ ދިރިއުޅުނު ހޮޅުދޫ ނިއުލައިފް ގޭގެ ބަދިގެފަރާތުގައި ހުންނަ ގުދަނެއްގެ ކައިރިންނެވެ. ޒަކިއްޔާއަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދިޔަ މީހެއް ކަމަށްވާތީ، އޭނާ މަރުވީ އަމިއްލައަށްކަމަށް އެރަށުތެރޭގައި ވަނީ އަޑުފެތުރިފައެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ތަހުގީގު ޓީމެއް ވަނީ ހޮޅުދޫގައި ހަރަކާތްތެރިވެފައެވެ.
މި މައްސަލައާ ގުޅިގެން ތަހުގީގަށް އިތުރު ބައެއްގެ ރައުޔު ހޯދުމުގެ ގޮތުން އެމެރިކާގެ އެފްބީއައި އާ، މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ހޯދާފައިވާ ހޯދުންތައް ހިއްސާކޮށް އެހީތެރިކަން ހޯދަމުންގެންދާ ކަމަށް މިދިޔަ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ފުލުހުން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ދިވެހި ފުލުހުންގެ ސީނިއަރ ތަހުގީގު ޓީމެއް މި މައްސަލަ ރިވިއު ކުރުމަށްޓަކައި ނ. ހޮޅުދޫއަށް ޒިޔާރަތްކޮށް މި މައްސަލައިގެ ތަހުގީގު މުރާޖައާކޮށް، އިތުރަށް ބަލަންޖެހޭ ކަންކަން ދެނެގަތުމުގެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ތަހުގީގަށްފަހު އެމެރިކާގެ އެފްބީއައި އިން މިދިޔަ މަހުގެ 6ވަނަ ދުވަހު ނިންމާފައިވަނީ، ޒަކިއްޔާ މަރާލިކަމަށް ނުބެލެވޭ ކަމަށެވެ.
ޒަކިއްޔާގެ މަރާ ގުޅިގެން ފުލުހުންގެ ޓީމެއް މިދިޔަ ހަފްތާގައި އިންޑިއާއަށްގޮސް ވަނީ، އޭނާގެ ހަށިގަނޑުގެ ވާޗުއަލް އޮޓޮޕްސީއެއް ހަދާފައެވެ.
ެެއެނގިފައިވާ ގޮތުގައި އެ އޮޓޮޕްސީ ހަދާފައިވަނީ އިންޑިއާގެ މެޑިކަލް ރިސާޗް ޔުނިވަސިޓީ ކަމަށްވާ އޯލް އިންޑިއާ އިންސްޓްޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ގެ ތަޖުރިބާކާރު ޑޮކްޓަރުން ލައްވައެވެ.
އެގޮތުން އޮޓޮޕްސީ ރިޕޯޓުން ދައްކާ ގޮތުގައި ކަރުގެ ދެ ފަރާތުގައި ޒަހަމްތަކުން ނާރުތައް ބުރިވެފައި ވިޔަސް ކަށީގައި ޖެހޭ ހިސާބާ ކައިރިއަށް ވެސް އެއްވެސް ޒަހަމެއްގެ ފުންމިނެއް ނެތެވެ. އަދި އެ ރިޕޯޓްގައި، އެ ޒަހަމްތަކުގެ ސަބަބުން ޕްރެޝަރުގައި ލޭތައް ބުރައިގެން ނުދިޔަ ސަބަބާއި އެ ޒަހަމްތައް ލިބިފައި ހުރި ކަމަށް ބެލެވޭ ގޮތްފަދަ މުހިންމު ސުވާލުތަކަށް ސިއްހީގޮތުން ތަފްސީލުކޮށްދީ ޖަވާބުދީފައިވެއެވެ.
ވާޗުއަލް އޮޓޮޕްސީއަކީ ސީޓީ ސްކޭން އަދި އެމްއާރުއައި ފަދަ ޓެސްޓުތަކާއި ހަށިގަނޑުގާއި ކުށުގެ ވެށީގެ ފޮޓޯ އާއި ވީޑިއޯ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން، މަރުގެ ސަބަބު ދެނެގަތުމެވެ. މިހެން ހަދާ އޮޓޮޕްސީން ވެސް ހަށިގަނޑަށް އައިސްފައިވާ އެކި ބަދަލުތައް ދެނެގަނެ ޒަހަމްތައް ލިބުމަށް މެދުވެރިވި ސަބަބު ހޯދެއެވެ.
ޒަކިއްޔާގެ މަރާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ފުލުހުން މިދިޔަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ، މި ހާދިސާއާ ގުޅިގެން ޒަކިއްޔާގެ ހަށިގަނޑު ބެލި ބެލުމުން އޭނާގެ ކަރުގެ ކަނާތާއި ވައަތް ފަރާތަށް ތޫނު އެއްޗެކުން ލިބިފައި ހުރި އަނިޔާގެ ގިނަ ޒަހަމްތަކެއް ފެންނަން ހުރިކަމަށެވެ. އެގޮތުން ކަރުގެ ކަނާތްފަރާތުގައި ފުން ދެ ޒަހަމެއް އަދި ވައަތް ފަރާތުގައި ފުން ތިން ޒަހަމެއް ހުރި ކަމަށާއި ކަރުގެ މެދާއި ހިސާބުގައި ތިލަކޮށް ހުރި އެއް ޒަހަމް ހުރި ކަމަށް ވެސް ސާމިހު ވިދާޅުވިއެވެ.




