ރާއްޖޭގެ ދަނޑުވެރިކަން ކުރިއަރުވަން ކެނެޑާއާއެކު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ބައްދަލުވުންތައް ބާއްވާފައި ވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ކެނެޑާގެ ހައިކޮމިޝަނަރު އެރިކް ވޮލްޝްއާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ.
މި ބައްދަލު ކުރެއްވުމުގައި މިނިސްޓަރު މާރިޔާ ވަނީ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
އެގޮތުން ދަނޑުވެރިކަމުގެ އުފެއްދުންތައް ރާއްޖޭގެ އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ގެންދިއުމުގައި ހުރި ދަތިތަކާއި ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށް ހުރި ދަތިތައް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.
ދަނޑުވެރިކަމާއި ބެހޭ މިނިސްޓްރީން ބުނީ ހައި ކޮމިޝަނަރާއި އެ ބޭފުޅާގެ ޓީމުން އެ މިިނިސްޓްރީން ފާހަގަކުރެއްވި ކަންކަމަށް ހައްލު ގެނައުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ލަފާދެއްވާފައިވާ ކަމަށެވެ.
މިނިސްޓްރީން އިތުރަށް ބުނީ ހައި ކޮމިޝަނަރާއި އެ ބޭފުޅާގެ ޓީމުން ވަނީ ދަނޑުވެރިކަމުގެ އުފެއްދުންތައް ރިސޯޓްތަކަށް ސަޕްލައި ކުރެވިދާނެކަމަށް ލަފާދެއްވާފައި ކަމަށެވެ.




