ބޭރުގެ ޑޮކްޓަރެއްކަމަށް ހެދިގެން 20 އަހަރު މަސައްކަތްކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި ނަރެންދްރަ ވިކްރަމަދިތުޔަ ޔާދަވް ނަމަކަށް ކިޔާ އެމީހާ ވަނީ އޭނާއަކީ ބްރިޓިޝް ޑޮކްޓަރެއް ކަމަށްވާ ޑރ. އެން ޖޯން ކޭމް ކަމަށް ބުނެފައެވެ. އަދި އެ ނަމުގައި އޭނާވަނީ 20 އަހަރު ދުވަހު ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށް، ގިނަ ސާޖަރީތަކެއްވެސް ހަދާފައެވެ. އޭގެތެރެއިން ހަތް މީހަކު މަރުވި ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
ބޭރުގެ ޑޮކްޓަރެއްކަމަށް ހެދިގެން ނަރެންދްރަ މަސައްކަތް ކޮށްފައިވަނީ މަދްޔަ ޕްރަދޭޝްގައި ހުންނަ މިޝިނަރީ ހޮސްޕިޓަލެއްގައި ކާޑިއޮލޮޖިސްޓެއް (ހިތުގެ ބަލިތަކާބެހޭ ޑޮކްޓަރެއް)ގެ ގޮތުގައެވެ.
އިންޑިއާ ފުލުހުން ވަނީ ނަރެންދްރަގެ މައްޗަށް ފްރޯޑްގެ ތުހުމަތު ކޮށްފައެވެ. އުމުރުން 53 އަހަރުގެ ނަރެންދްރަގެ އަތުގައި އޮތް މެޑިކަލް ސެޓްފިކެޓުތަކާއި ޑިގްރީތަކަކީ ވެސް އަސްލެއްނެތް ދޮގު ލިޔުންތަކެއް ކަމުގައި ފުލުހުން ބުނެފައިވެއެވެ.
މީގެއިތުރުން ފުލުހުން ބުނެފައިވަނީ ބްރިޓަންގެ މަޝްހޫރު ޑޮކްޓަރެއްގެ ނަން ބޭނުންކޮށްފައިވާތީ، އެ ތުހުމަތު ވެސް ނަރެންދްރަގެ މައްޗަށް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާވަނީ އެ ތުހުމަތުތަކަަށް ދެކޮޅު ހަދާފައެވެ.

ރިޕޯޓުތަކުން ބުނި ގޮތުގައި ނަރެންދްރަ އުޅުނު ގޮތުން، އޭނާއަކީ ހަގީގަތުގައި ޑޮކްޓަރެއް ނޫންކަމަށް ހީވެފައިނުވާ ކަމަށެވެ. ނަމަވެސް ސާޖަރީތަކެއް ކުރިފަހުން މީހުން މަރުވުމުން، އޭނާއާމެދު ޝައްކުވެ ހޮަސްޕިޓަލުގެ ފަރާތުން އެކަން ތަހުގީގު ކުރަން ފެށީކަމުގައިވެސް ބުނެފައިވެއެވެ.


