މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ރާއްޖެއަށް މިދުވަސްކޮޅު ކުރަމުންދާ ވިއްސާރައިގައި މާލޭގެ ބައެއް މަގުތަކުގައި މިހާރުވެސް ވަނީ ފެންބޮޑުވެފައެވެ.
މިކަމާ ގުޅިގެން ފެންހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން މިހާރުދަނީ ކުރަމުންނެވެ.
އެގޮތުން ބޯކޮށް ވާރޭވެހިއްޖެނަމަ މާލޭގައި އާންމުކޮށް ފެންބޮޑުވަމުންދާ ތިން ސަރަހައްދުކަމަށްވާ ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދާއި އައިޖީއެމްއެޗް ސަރަހައްދުގެ އިތުރުން ވެސްޓްޕާކު ސަރަހައްދުން ފެން ހިންދުމުގެ މަސައްކަތް ސިފައިން މިހާރުވަނީ ފަށާފައެވެ.
މިހާރު ކުރަމުންމިދާ ވިއްސާރައިގެ ސަބަބުން މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވަނީ މިއަދު ހެނދުނު 10:45 އިން ފެށިގެން މެންދުރު 2:00 އަށް، މާލެ އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ރީނދޫ ސަމާލުވެސް ނެރެފައެވެ.
އެ އިދާރާއިން ބުނި ގޮތުގައި މި ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އަދު ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.



