ހުޅުމާލޭގެ އެކޮމޮޑޭޝަން ބްލޮކްތަކެއް ބަލައި ފާސްކޮށް އަށް ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތުގެ ތެރެއިން ހުޅުމާލޭގައި ބިދޭސީން ދިރިއުޅެމުންދާ 04 އެކޮމޮޑޭޝަން ބްލޮކެއް އިއްޔެ ވަނީ ބަލައި ފާސްކޮށްފައެވެ. އަދި މި އޮޕަރޭޝަންގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިއަ 08 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ޑިފެންސް މިނިސްޓްރީއާއި، އިމިގްރޭޝަން އަދި ފުލުހުން ގުޅިގެން ދަނީ، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.
މި މަސައްކަތުގެ ތެރެއިން، ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.
އެގޮތުން މިހާތަނަށް 6076 އަށްވުރެ ގިނަ ބިދޭސީން އިމިގްރޭޝަނުން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާފައެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މި މަހުގެ 4 ވަނަ ދުވަހު އާންމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުން ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ޓާސްކު ފޯހުން ވަނީ ރެއިޑް އޮޕަރޭޝަނެއް ހިންގާފައެވެ.
އެގޮތުން މާލޭގައި ހުންނަ ކެފޭއެއް ބަލައި ފާސްކޮށް އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ހިންގަމުންދިއަ ކެފޭއަކުން ޤަވާއިދާ ޚިލާފަށް އުޅެމުންދިއަ 11 ބިދޭސީއެއް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް ”އިމިގްރޭޝަން ވޮޗް“ގެ ނަމުގައި އޮންލައިން ޕްލެޓް ފޯމެއްވެސްވަނީ ޤާއިމްކޮށްފައެވެ. އިމިގްރޭޝަން ވޮޗަށް މިހާތަނަށް 1297 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވެއެވެ.
ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް އޮޕަރޭޝަން ކުރަނގީގެ ނަމުގައިވެސް ހަރަކާތެއްދަނީ ހިންގަމުންނެވެ. އެގޮތުން މިހާތަނަށް ވަނީ އެއް ލައްކައަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައެވެ.



