އީރާނުގެ ދިފާއީ ބާރު ކިހާ ހިސާބަކަށް ފުޅާކުރެވިދާނެކަން އެމެރިކާއަށް އެނގޭ ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެ އެވެ.
އައްބާސް އަރަގްޗީ މިހެން ވިދާޅުވީ އެފްރިކާގެ ވެރިރަށް އަލްޖިއާސްގައި އަންގާރަ ދުވަހު އަލްޖީރިއާގެ އިއްޒަތްތެރިންނާއި މީޑިއާ އެގްޒެކެޓިވްސްއާ އެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
އައްބާސް އަރަގްޗީ ވިދާޅުވީ އީރާނުގެ ދިފާއީ ބާރުތަކުގެ ވަރުގަދަ ސިފަ އެމެރިކާއަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އެންމެ ކުޑަމިނުން އީރާނުގެ ދިފާއީ ބާރު ކިހާ ހިސާބަކަށް ފުޅާކުރެވިދާނެކަންވެސް އެމެރިކާ އަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.
އީރާނުން ސުލްހައަށް ވެފައިވާ ވައުދަކީ ބަލިކަށި ކަމެއް ކަމަށް ހީކޮށްގެން ނުވާނެ ކަމަށް އަރަގްޗީ ވަނީ ވިދާޅުވެފައެވެ.
އަދި އީރާނުން ހަނގުރާމައަކަށް ނޭދޭ ކަމަށާއި ނަމަވެސް ބޭނުންވެއްޖެ ނަމަ ދިފާއުވާން ވަރަށް ރަނގަޅަށް އެނގޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
”އެމެރިކާގެ ވިސްނުމާ މެދު ޝައްކު އުފެދޭ އިންސާފުވެރި، ސީރިއަސް މަޝްވަރާއަކަށް އެ މީހުންގެ ކިބައިގައި ވިސްނުން ހުރިކަން ޔަގީނެއް ނޫން“ އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވި އެވެ.
އޮމާނުގެ ވެރިރަށް މަސްކަޓްގައި އަންނަ ހޮނިހިރު ދުވަހު އަރަގްޗީ އާއި އެމެރިކާގެ ސަރަހައްދީ މަންދޫބު ސްޓީވް ވިޓްކޯފްއާ ދެމެދު ނުސީދާކޮށް މަޝްވަރާތައް ފަށާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެ ދެ ޤައުމުންވެސް ވަނީ މިކަން ޔަގީން ކޮށްދީފައެވެ.
”މަޝްވަރާތައް ކުރިއަށް ގެންދަން ޖެހޭނީ ހަމަހަމަކަމާއި އިންސާފުވެރިކަމާއި އިހްތިރާމާއެކު ތިބެގެން، ”މެކްސިމަމް ޕްރެޝަރ“ އާއި އަސްކަރީ އިންޒާރުތަކުގެ ދަށުގައެއް ނޫން،“ އައްބާސް އަރަގްޗީ ވިދާޅުވި އެވެ.
”މެކްސިމަމް ޕްރެޝަރާއި އިންޒާރުތައް ދެމިއޮތްހާ ހިނދަކު މަޝްވަރާގެ އިންސާފުވެރި ޝަރުތުތަކެއް ނޯންނާނެ، އަދި ސީދާ މަޝްވަރާތަކުގައި ބައިވެރިއެއް ނުވާނަން،“ އޭނާ ވިދާޅުވިއެވެ.
އިރާނުގެ ފޮރިން މިނިސްޓަރު ވަނީ އެމެރިކާއިން ދެކޮޅުވެރިކަން ދަމަހައްޓަމުންދާހާ ހިނދަކު އެމެރިކާއާ އެކު ސީދާ މަޝްވަރާތައް ނުކުރާނެކަމަށް ވިދާޅުވެ، އީރާނުގެ އެހެން އޮފިޝަލުންވެސް މީގެ ކުރިން ދެއްކެވި ވާހަކަތައް ތަކުރާރު ކުރައްވާފައެވެ.
އިރާނާ ދެކޮޅަށް އެމެރިކާއިން މިހާރު ވެސް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރު ކުރުމަށް އެމެރިކާއިން ގެންގުޅޭ ގޮތްތަކަށް އިޝާރާތް ކުރައްވައި އަރަގްޗީ ވަނީ، ތެހެރާނަށް އަސްކަރީ ހަމަލާތައް ދޭނެ ކަމުގެ އިންޒާރު އެމެރިކާއިން ތަކުރާރުކުރާކަން ފާހަގަކުރައްވާފައެވެ.
ނަމަވެސް ޑިޕްލޮމެސީގެ މަގު ބަންދުނުވާ ކަމަށާއި އެމެރިކާއާ އެކު ނުސީދާ ކޮށް މަޝްވަރާކުރަން އީރާނުން ތައްޔާރަށް އޮތް ކަމަށް ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވި އެވެ.



