ޑަބަލް ޕެންޝަނުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފަށައިފިއެވެ.
އެ ކޮމިޓީން މި މަސައްކަތް ފަށާފައި ވާއިރު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އިއްޔެ ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވަނީ ޕެންޝަން ނިޒާމުގައި ހުރި މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އެކަކަށް ޑަބަލް ޕެންޝަން ދިނުން ފާހަގަކުރައްވާފައެވެ.
އަދި އެ ކަންކަމަށް ހައްލު ހޯދަން މާލިއްޔަތު ކޮމިޓީން މަސައްކަތް ކުރަން ނާޒިމް ވަނީ ހުށަހަޅުއްވާފައެވެ.
އެހެންކަމުން މާލިއްޔަތު ކޮމިޓީން ނިންމަވާފައި ވަނީ އަންނަ ހަފުތާއިން ފެށިގެން އެ ކަންކަން ހައްލު ކުރުމުގެ މަސައްކަތް ފެށުމަށެވެ.
ޕެންޝަނުގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި މާލިއްޔަތު ކޮމިޓީން ޕެންޝަން އޮފީހުގެ ބޭފުޅުންނާއި ކަމާގުޅުން ހުރި އިދާރާތަކާއި ބައްދަލު ކުރާނެއެވެ.




