ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ”މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު“ގެ ނަމުގައި 2025 އެޕްރީލް 8ވަނަ ދުވަހުން ފެށިގެން އިދާރާއެއް އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފިއެވެ.
ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ”މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު“ގެ ނަމުގައި އިދާރާއެއް އުފައްދަވައި، އެކަން އިޢުލާން ކުރައްވާފައި ވަނީ ރައީސް އޮފީހުގެ ނަންބަރު 7/2025 ދެންނެވުމުގައެވެ.
މި ބޯޑު ގާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި ރާއްޖޭގެ އެއްގަމާއި، ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް ތަޙުޤީޤުކުރުމަށް ސަރުކާރުގެ ވަކި އިދާރާއެއް ހުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާތީ ކަމުގައި މި ދެންނެވުމުގައިވެއެވެ.
ރައީސް އޮފީހުނއމި ބޯޑުން ކުރިއަށް ގެންދަވާނެ މައިގަނޑު މަސައްކަތްތައް މި ދެންނެވުމުގައި ވަނީ ބަޔާންކުރައްވާފައެވެ.
ދައުލަތުގެ އިދާރާތަކުން ލިއުއްވާ ސިޓީތަކުގައި ނަންބަރު ޖެއްސެވުމުގައި، މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 501 ކަމުގައިވެސް ވަނީ ކަނޑައަޅުއްވާފައެވެ.




