އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އެ ހޮސްޕިޓަލުގެ އިސްވެރިންނާއި ހެލްތުު މިނިސްޓްރީން ބައްދަލުކޮށްފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައި ވަނީ މިއަދު އެވެ.
ހެލްތު މިނިސްޓްރީން ބުނީ އައިޖީއެމްއެޗުން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެ ހޮސްޕިޓަލުގެ އިސްވެރިންނާއި ހެލްތުު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް މިއަދު ބައްދަލުކުރައްވާފައިވާ ކަމަށެވެ.
މި ބައްދަލު ކުރެއްވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި ހޮސްޕިޓަލުން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، ޑޮކްޓަރަށް ދެއްކުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުން ހިމެނޭކަމަށް ހެލްތު މިިނިސްޓްރީން ހާމަކުރެއެވެ.
މީގެ އިތުުރުން ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މިހާރު ކުރަމުން އަންނަ ކަންކަމުގެ ތަފްޞީލް އައިޖީއެމްއެޗުން މިނިސްޓަރާއި ހިއްސާކޮށްފައިވާ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
ހަމައެހެންމެ ރައީސްގެ ވައުދާއި އެއްގޮތަށް ޞިއްހީ ދާއިރާގެ ކަންކަން ފުރިހަމަކުރުމަށް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްތަކުގެ ކަންކަން ހަރުދަނާ ކުރުމަށް މިނިސްޓްރީ އާއި ގުޅިގެން ކުރަންޖެހޭ ކަންކަމާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް ގެ އިތުރުން ، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ސީއީއޯ އަބުދުއްރައްޒާޤް ހަލީމް އަދި ހެލްތު މިނިސްޓްރީ އާއި އައިޖީއެމްއެޗްގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.



