މާލެ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ތަރައްޤީ ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
އެމްޓީސީސީން މިއަދު ބުނީ މާލެ ސިޓީ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓު ސަރަހައްދާއި ހަަމައަށް ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން އެ ކުންފުންޏާއި ހަވާލުކޮށްފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު،737 މީޓަރުގެ ސަަަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެއެވެ. އަދި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއި ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރާނެ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
މީގެ އިތުރުން ފެން ހިންދާ ނިޒާމެއް ގާއިމުކުރުމާއި ޑްރެއިނޭޖް ސާވިސް ލައިން އެޅުމާއި މަގު ބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުން މަޝްރޫޢުގައި ހިމެނެއެވެ.
މިއީ 455 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 144.5 މިލިޔަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.
މި އެއްބަސްވުމުގައި އެމްޓީސީސީން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަހުމަދު ސައުދީއެވެ. އަދި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބުއެވެ.



