ސައުދީ އަރަބިއާއިން 14 ޤައުމެއްގެ ވިސާ ވަގުތީގޮތުން ސަސްޕެންޑުކޮށްފިިއެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ސައުދީން 14 ޤައުމެއްގެ ވިސާ ވަގުތީ ގޮތުން ސަސްޕެންޑު ކޮށްފައިމިވަނީ، މިއަހަރުގެ ޙައްޖު މޫސުމުގެ ކަންކަން އަމަން އޮމާންކޮށް ކުރިއަށް ގެންދިޔުމަށާއި، ޙައްޖާޖީން ފިޔަވާ އިތުރު ބަޔަކަށް ސައުދީއަށް އެމުއްދަތުގައި އެތެރެވެވުނަ ނުދޭށެވެ.
ސައުދީގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ވިސާތައް ވަގުތީގޮތުން ސަސްޕެންޑުކުރުމުގެ އަމަލީ މަސައްކަތް ފަށާނީ މިމަހުގެ މެދުތެރެއިން ފެށިގެންނެވެ. އަދި ޖޫން މަހުގެ މެދުތެރެއާ ހަމައަށް އެ ސަސްޕެންޝަން ކުރިއަށްދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ސައުދީ އަރަބިއާއިން ވަގުތީގޮތުން ވިސާ ސަސްޕެންޑު ކޮށްފައިވާ ޤައުމުތަކަކީ:
1- އަލްޖީރިއާ
2- ބަންގްލަދޭޝް
3- މިޞްރު
4- އިތޯޕިއާ
5- އިންޑިއާ
6- އިންޑިނޭޝިއާ
7- އިރާޤް
8- އުރްދުން (ޖޯޑަން)
9- މޮރޮކޯ
10- ނައިޖީރިއާ
11- ޕާކިސްތާން
12- ސޫދާން
13- ޓަނީޝިއާ
14- ޔަމަން
މި ޤައުމުތަކަށް ސައުދީ އަރަބިއާއަށް އެތެރެވާން ބޭނުންވާ ރައްޔިތުންނަށް މިމަހުގެ 13 ގެ ކުރިން އެތެރެވެވޭނެ ކަމަށާއި ނަމަވެސް މިމަހުގެ 29ގެ ކުރިން އެމީހުން އެނބުރި ޤައުމަށް ދާން ޖެހޭނެ ކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފައެވެ.
ސައުދީން ވަގުތީ ގޮތުން ސަސްޕެންޑު ކޮށްފައިވަނީ ތިން ވައްތަރެއްގެ ވިސާއެކެވެ. އެއީ ޢުމްރާ ވިސާއާއި، ބިޒްނަސް ބައްދަލުވުންތަކުގެ ވިސާގެ އިތުރުން އާއިލީ ބައްދަލުވުންތަކުގެ ވިސާއެވެ.




