މުޅި ދުނިޔެއަށް ކުއްލި ސިހުމެއް ލިބިގެންދިޔައީ މިމަހުގެ ކުރީކޮޅު ޔަހޫދީ އިޒްރޭލުން ފަލަސްތީނުގެ ނޫސްވެރިންތަކެއް ތިބި ޓެންޓަކަށް ހަމަލާދީ، އެތަނުން އެއް ނޫސްވެރިއެއްގެ ގައިގާ ގަސްތުގައި ރަޮކޮށްލި ހާދިސާއިންނެވެ.
މި ހިތާމަވެރި ހާދިސާ ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ހަލުވިކަމާއެކު ދައުރުވެފައެވެ. އިޒްރޭލުން އަންދާލާފައިވަނީ ފަލަސްތީނުގެ ނޫސްވެރިއެއް ކަމަށްވާ އަހްމަދު މަންސޫރެވެ. އޭނާގެ މުޅި ގައިގާ ރޯވެ، އަނދަމުން ދިޔައިރު އެއްވެސް މީހަކަށް އޭނާ ސަލާމަތެއް ނުކުރެވުނެވެ. އަދި އޭނާވެސް އިނީ ތާށިވެފައެވެ.
އަހްމަދު މަންސޫރު ވަނީ ލިބުނު އަނިޔާތަކުގެ ސަބަބުން މިހާރު ޝަހީދުވެގެން ގޮސްފައެވެ. އެއާއެކު މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ، އަހްމަދުގެ ޖަނާޒާގައި އޭނާގެ ހުވަފަތް އަނބިމީހާ ކުރަމުންދިޔަ އާދޭސްތަކުގެ ވީޑިއޯއެކެވެ.
އޭނާގެ އަނބިމީހާ އޭނާގާތު އާދޭސްކުރަމުން ދިޔައީ އަދި އެއްފަހަރު ލޯ ހުޅުވާލައި، އެމީހުންގެ ތިން ދަރިންނަށް ގޮވާލުމަށެވެ. އަހުމަދުއާ ނުލައި އުޅެން އުނދަގޫވާނެ ކަމަށާއި އަހުމަދަކީ އެ އާއިލާގެ މައިބަދަ ކަމުގައި ވެސް ބުންޏެވެ. އަދި އޭނާ ދުކޮށްފައި ނުދިޔުމަށް އަހުމަދުގެ އަނބިމީހާ ރޮއެ އާދޭސް ކުރަމުން ދިޔައެވެ.
މި ލާއިންސާނީ ހަމަލާއާ ބެހޭގޮތުން މިފަހަރުވެސް އިޒްރޭލުން ބުނެފައިވަނީ، އެމީހުން އަންދާލީ ކުށެއްނެތް ނޫސްވެރިއެއް ނޫން ކަމަށާއި ޓެރަރިސްޓެއް ކަމަށެވެ.




