މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަހީދު ބަންދުކުރި ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށްދޭން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލަން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އިއްޔެ ނިންމައިފިއެވެ.
ޝަމްޢާންއާއި އިމިގްރޭޝަން އޮފިސަރުންތަކަކާ ގުޅޭގޮތުން ފުލުހުން ބަލަމުން ގެންދަނީ ނަހަމަ ގޮތުގައި މަގާމުގެ ނުފޫޒު ބޭނުންކޮށް، ބިދޭސީންތަކެއްގެ އަތުން ނާޖާއިޒް މަންފާ ހޯދި މައްސަލައެކެވެ.
މި މައްސަލައިގައި މިދިޔަ މާރިޗް މަހުގެ 21 ވަނަ ދުވަހު ޝަމްޢާން ހައްޔަރުކޮށް، 15 ދުވަހުގެ ބަންދުގެ މުއްދަތު ވަނީ ޖަހާފައެވެ.
އެ އަމުރު އިސްތިއުނާފު ކުރުމަށް ޝަމްޢާންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރިއެވެ. ނަމަވެސް ހައި ކޯޓުގެ ރެޖިސްޓްރާ ނިންމީ، އެ މައްސަލަ ބަލައިނުގަތުމަށެވެ.
އެހެންކަމުން ރެޖިސްޓްރާގެ އެ ނިންމުން މުރާޖާކުރުމަށް އެދި ޝަމްޢާންގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅިއެވެ.
ޝަމްއާންގެ ހުށަހެޅުން ބެލުމަށްފަހު މައްސަލަ ބަލަން ޖެހޭ ކަމަށް ނިންމާ، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވެސް އިއްތިފާގުވީ ޝަމްއާންގެ މައްސަލާގައި ގާނޫނީ ބަހުސެއް އޮތް ކަމަށެވެ.
ހައިކޯޓުގެ ރެޖިސްޓްރާގެ ނިންމުން މުރާޖާކުރި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ހުޒައިފާ މުހައްމަދު (ރިޔާސަތު)، ފާތިމަތު ފަރުހީޒާ އަދި މުހައްމަދު ސަލީމް އެވެ.
ޝަމްޢާން 15 ދުވަހަަށް ބަންރުކުރަން ކްރިމިނަލް ކޯޓުން ނިންމި މުއްދަތު ހަމަވުމުން، އެ ކޯޓުން މިމަހުގެ 6 ވަނަ ދުވަހު ވަނީ އޭނާ ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
ޝަމްޢާންއާ ގުޅޭގޮތުން މިދިޔަ މަހު 29ގައި ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މާރިޗް 12 ވަނަ ދުވަހު ބިދޭސީންގެ ހަތް މީހަކު ޑިޓެއިންކޮށް އިމިގްރޭޝަންއިން ރެއިޑް ހިންގީ އެކަމާ ނުވެސް ގުޅޭ އިމިގްރޭޝަންގެ ޑިޕާޓްމެންޓެއްގެ ތިން މުވައްޒަފެއް ކަމަށެވެ.
އެ ބިދޭސީންނަކީ ގަވައިދާ އެއް ގޮތަށް ވެސް އުޅެމުންދިޔަ ބަޔަކަށްވާއިރު އޭގެ ތެރެއިން އެކެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ވެސް ފެނުން ކަމަށް ބުނެފައިވެއެވެ.
އަދި ފައިސާ ފެނުނު މީހާ ދޫކޮށްލީ ޝަމްޢާން އަންގައިގެން ކަމަށް ފުލުހުން ބުނާއިރު އޭނާގެ އަތުން ފެނުނު ފައިސާ ވެސް ފަހުން އެ ބިދޭސީ މީހާއަށް އަނބުރާ ދިންކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަަށް ފާހަގަކޮށްފައިވާ ކަންކަން:
° ބިދޭސީ މީހާ ދޫކޮށްލުމުން އޭނާ އެންމެ ފުރަތަމަ ދިޔައީ ހަވާލުވި ސްޕޮންސަރާއެކު ސައިކަލުގައި. ނަމަވެސް ވަކި ހިސާބަކުން އިމިގްރޭޝަންގެ އޮފިސަރަކާއެކު އެ އިދާރަގެ ވެހިކަލަށް އެރި
° މާލޭގެ އެކި ސަރަހައްދުތަކުގައި އިމިގްރޭޝަންގެ ވެހިކަލް ދުއްވުމަށް ފަހު ބިދޭސީ މީހާ ދިރިއުޅޭ ގެއަށް ގެންގޮސްދިން
° އިމިގްރޭޝަންގެ އޮފިސަރަކު އެ އިދާރާގެ ވެހިކަލުން ފައިސާކޮތަޅު ނަގައި ސައިކަލެއްގައި ގޮސް ޝަމްއާންގެ ގެއަށްދިޔަ
° ސީސީޓީވީ ފުޓޭޖުން ފެންނަގޮތުން އިމިގްޜޭޝަން އޮފިސަރު ޝަމްއާންގެ ގެއަށް ވަންނައިރު ކޮތަޅުގައި ގިނަ އަދަދެއްގެ ފައިސާ ހުރިއިރު ނުކުންނައިރު ކޮތަޅު މުށުތެރޭގައި ބޮނޑިކޮށްލާފައި އޮންނަކަން ފާހަގަކުރެވިފައިވޭ
ފުލުހުން ބުނީ އެ މައްސަަލައިގައި ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖު އެއްކޮށް ގިނަ ބަޔަކާ ސުވާލުކޮށް މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ ބަޔާން ވެސް ނަގާފައިވާ ކަމަށެވެ.




