ސްޓެމް އެޑިއުކޭޝަންގެ ދާއިރާތަކުން މީހުން ބިނާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ ”ރައްޔިތުންނާ އެކު“ ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑްގައި ވާހަކަ ދައްކަވަމުންނެވެ.
އެ ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެކި ދާއިރާތަކުން ކިޔަވާފައިތިބި ބައިވަރު ކުދިން އުފައްދަން ބޭނުންފުޅުވާ ކަމަށެވެ.
އެގޮތުން ސްޓެމްގެ ދާއިރާތައް ކަމަށްވާ ސައިންސް، ޓެކްނޮލޮޖީ، އިންޖިނޭރިންގ، މެތެމެޓިކްސްގެ ދާއިރާތަކުން ކިޔަވާ ކުދިންގެ އަދަދު މިދިޔަ އަހަރުތަކުގައި ކޮންމެވެސް ސަބަބަކާއިހުރެ މަދުވެފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުތަކުގައި މުޅިންވެސް ބައްދަލުވަނީ އެކައުންޓިންގ، ފައިނޭންސް ފަދަ ދާއިރާތަކުން ކިޔަވާ ކުދިންނާ ކަމަށެވެ.
ނަމަވެސް ރައީސް ވަނީ ޤައުމު ބިނާކުރުމުގައި މި ދާއިރާތައް ފަދައިން، ސްޓެމްގެ ދާއިރާތަކުން ކިޔަވާ ކުދިންގެ ބޭނުން ރާއްޖެއަށް ބޮޑުކަން ފާހަގަކުރައްވާފައެވެ.
”ސްޓެމްގެ ދާއިރާތަކުން ކިޔަވާ ކުދިން ނުލިބުމުގެ ސަބަބުން އެ ދާއިރާތަކުން ކިޔަވާފައިތިބި ބޭރު މީހުން ގެންނަންޖެހޭ، ޑޮކްޓަރުންނާއި އިންޖިނޭރުން ގެންނަން ޖެހެނީ ބޭރުން“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ ރާއްޖޭގައި ހިންގާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ އިންޖިނޭރުންނާއި ކުއަންޓިޓީ ސަރވެޔަރުންނާއި އެ ދާއިރާތަކުން އެކަށީގެންވާ މިންވަރަށް މީހުން ލިބެން ނެތްކަން ފާހަގަކުރައްވާފައެވެ.
މިގޮތުން ސްޓެމްގެ ދާއިރާއިން މީހުން ބިނާކުރަން އިސްކަން ދިނުމަށްޓަކައި ސަރުކާރުގެ ލޯނު ސްކީމްގައިވެސް އެކަމަށް ޚާއްޞަ އިސްކަމެއް ދެއްވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ވަޒީފާ ދިނުމުގައިވެސް އެ ދާއިރާތަކުން ކިޔަވައިގެން އަންނަ ކުދިން، ސަރުކާރު ވަޒީފާއަށް ރަނގަޅު މުސާރައަކާއެކު ނެގުމަށް އިސްކަންދޭން ފަށާފައިވާކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.



