ސްކޫލްތަކުގެ ކްލާސްތައް އޭސީ ކުރުމުގެ އިތުރުން، ސްކޫލްތަކުގެ ހޯލްތައްވެސް އޭސީ ކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ ”ރައްޔިތުންނާ އެކު“ ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑްގައި ވާހަކަ ދައްކަވަމުންނެވެ.
އެ ޕޮޑްކާސްޓުގައި ވާހަަކަދައްކަވަމުން ރައީސް ވިދާޅުވީ، ސްކޫލްތައް އޭސީ ކުރުމުގެ މަސައްކަތް މި އަހަރު ތެރޭ ނިންމާލެވޭނެ ކަމަށެވެ.
އަދި އޭސީތަކުގެ ކަރަންޓު އިޔާދަކުރަނިވި ހަކަތައިގެ ނިޒާމެއްގެ ތެރެއިން ހަމަޖެހިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ސްކޫލްތައް އޭސީ ކުުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ”ކޫލް ސްކޫލް“ މަޝްރޫޢުގެ ތެރޭގައި ސްކޫލްތަކުގެ ހޯލްތައްވެސް ހިމަނަން ނިންމާފައިވާކަމަށް ރައީސް ވަނީ ހާމަކުރައްވާފައެވެ.
”ހޯލްތަކުގައިވެސް ކުދިންގެ އެކިކަހަލަ އެކްޓިވިޓީތައް އެބައޮވޭ. އެއީ ވަރަށް މުހިންމު ތަނެއް“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސްކޫލްތަކުގެ ހޯލްތައް އޭސީ ކުރުމަކީ މުހިންމު ކަމެއް ކަމަށާއި ގިނަ ރަށްރަށުގެ ސްކޫލް ހޯލްތައް ރައްޔިތުންގެ އެކި ހަރަކާތްތަކަށްވެސް ބޭނުންކުރާ ކަމަށެވެ.
އެހެންކަމުން ރައީސް ވިދާޅުވީ މިއީ މުޅި ރަށުގެ ރައްޔިތުންނަށް ފަސޭހަވެގެންދާނެ ކަމެއް ކަމަށެވެ.




