މިމަހުގެ 2ވަނަ ދުވަހު ތ. އަތޮޅު ވިލުފުށިން ދަތުރުކުރަމުންދިޔަ ”ހޮޅުދޫ ބޯޓު“ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލިފައިވާ، އަލީ މުޝްފިގު ޝަރީފު، ނިޔާވެއްޖެ ކަމަށް ނިންމައި އޭނާގެ މައްޗަށް މާދަމާ ޣައިބަށް ކަށުނަމާދު ކުރަން ނިންމައިފިއެވެ.
ލ. މާވަށަށް ނިސްބަތްވާ މުޝްފިޤްގެ މައްޗަށް މާދަމާ ހުކުރު ނަމާދަށްފަހު ކަށުނަމާދު ކުރުން އޮންނާނެ ކަމަށް އެރަށު ކައުންސިލުން މިއަދު ވަނީ އިއުލާނުކޮށްފައެވެ. އެ ކަށުނަމާދު އޮންނާނީ އެރަށު ބިލާލު މިސްކިތުގައި ކަމަށާއި އަންހެނުންނަށް ވެސް އެ ނަމާދުގައި ބައިވެރިވެވޭނެ ކަމަށް ކައުސިލުން ވަނީ ބުނެފައެވެ.
”ހޮޅުދޫ ބޯޓުން“ އެ ރޭ ދަތުރުކުރި 18 މީހުންގެ ތެރެއިން، މުޝްފިޤް ފިޔަވާ އެންމެންވަނީ ސަލާމަތް ކޮށްފައެވެ. އެ ހާދިސާގައި މުޝްފިޤް ގެއްލިފައިވާތީ، އޭނާ ހޯދުމުގެ މަސައްކަތް ސިފައިން ކުރަމުންދިޔަ ނަމަވެސް މިހާތަނަށް އަދި އޭނާ ފެނިފައެއް ނުވެއެވެ.

މުޝްފިގުގެ މައްޗަށް ކަށުނަމާދު ކުރާއިރު އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާލިކަން އަދި ސިފައިން ހާމައެއް ނުކުރެއެވެ. އަންގާރަ ދުވަހު ވެސް ސިފައިން ބުނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މުޝްފިޤަކީ ނަމޫނާ ޒުވާނެކެވެ. އޭނާއަކީ ދީނީ ކަންކަމަށް ވެސް އިސްކަންދީ، ރީތިކޮށް ޤުރްއާން ކިޔަވައި، އަދި މާވަށު މިސްކިތުގައި އިމާމުވެ ނަމާދުވެސް ކުރި އަޚްލާޤް ރަނގަޅު މީހެއްކަން އޭނާ ދަންނަ އެންމެންވެސް ފާހަގަކުރެއެވެ.
މި ހާދިސާގައި، ހަތަރު މިލިއަން ރުފިޔާގެ ހޮޅުދޫ ބޯޓް ވަނީ އެއްކޮށް އަނދައި ހުލިވެ، އަޑިއަށް ގޮސްފައެވެ.



