ފްރާންސުން ފަލަސްތީނުގެ ދައުލަތް ޖޫން މަހު ބަލައިގަންނާނެ ކަމަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެއެވެ.
މެކްރޮން މިހެން ވިދާޅުވީ މި ހަފްތާގައި މިސްރަށް ކުރެއްވި ޒިޔާރަތަށްފަހު އޭއެފްޕީއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
އޭއެފްޕީން ރިޕޯޓުކޮށްފައިވާ ގޮތުގައި މެކްރޮން ވަނީ ފަރަންސޭސިވިލާތަށް ފަލަސްތީނުގެ ދައުލަތް ކުރިއަށް އޮތް މަސްތަކުގައި ބަލައިގަނެވިދާނެ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން އިސްރާއީލާއި ފަލަސްތީނުގެ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން އދ. އިން އަންނަ ޖޫން މަހު ބާއްވާ ކޮންފަރެންސްގައި އެކަން ފައިނަލް ކުރުމަކީ އަމާޒެއް ކަމަށް މެކްރޮން ވިދާޅުވިއެވެ.
އަދި އެ ކޮންފަރެންސްގައި ސައުދީ އަރަބިއްޔާއާ އެކު އެ ގައުމުގެ ރިޔާސަތު ބަލަހައްޓާނެ ކަމަށް މެކްރޮން ވިދާޅުވިއެވެ.
މެކްރޮން ވިދާޅުވީ ފަލަސްތީނުގެ ދައުލަތް ބަލައިގަންނަނީ އެއްވެސް ބަޔަކު ރުއްސަން ނޫން ކަމަށެވެ. ނަމަވެސް އެކަން ކުރަނީ ކޮންމެވެސް ހިސާބަަކުން އެއީ ރަނގަޅު ކަމެއް ކަމަށް ފެންނާތީ ކަމަށް މެކްރޮން އާ ހަވާލާދީ އޭއެފްޕީން ރިޕޯޓުކޮށްފައި ވެއެވެ.
މީގެ އިތުރުން މެކްރޮން ވިދާޅުވީ ފްރާންސުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމުގެ ސަބަބުން އިސްރާއީލާ ދެކޮޅަށް ކުރާ މަސައްކަތުގައި ފްރާންސްގެ ވިސްނުން ހުރި ގޮތް ސާފުކޮށް އެނގޭނެ ކަމަށެވެ.
ހަމައެހެންމެ ސަރަހައްދީ ޖަމާޢަތުގެ ސަލާމަތަށް ވައުދުވެވޭނެ ކަމަށް ވެސް މެކްރޮން އިތުރަށް ވިދާޅުވި ކަމަށް އޭއެފްޕީން ރިޕޯޓުކޮށްފައި ވެއެވެ.
ފަލަސްތީނު އޮތޯރިޓީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވާސެން އަގަބެކިއަން ޝާހީން އޭއެފްޕީއަށް ވިދާޅުވީ ފަލަސްތީނުގެ ދައުލަތް ފްރާންސުން ބަލައިގަތުމަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.



