މި ފެށޭ ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފަށަން ތައްޔާރުވެފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރުު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިިނިސްޓަރު އަމީން މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަަކަދައްކަވަމުންނެވެ.
ސަރުކާރުގެ ޓެކްސީ ލައިނަށް ބޭނުންވާ ޓެކްސީ ފޯރުކޮށްދޭނެ ބަޔަކު ހޯދަން އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން އިއުލާންކުރުމުން މިހާރު އެ ޓެކްސީތައް ފޯރުކޮށްދޭނެ ބަޔަކު ހަމަޖެހިފައިވާ ކަމަށްވެސް މިިނިސްޓަރު އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ މި މަސައްކަތުގެ ދަށުން މިހާރު ކުރިއަށް ދަނީ ޓެކްސީ ލައިނަށް ބޭނުންވާ އެޕްލިކޭޝަން ހެދުމުގެ މަސައްކަތާއި ޓެކްސީތައް ޗަރޖު ކުރާނެ ޗަރޖިން ސްޓޭޝަންތައް ހެދުމުގެ މަސައްކަތް ކަމަށެވެ.
މީގެ އިތުރުން ޖޫން މަސް ނިމި ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފެށޭނެ ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ ޓެކްސީ ލައިން ”މާލެ ޓެކްސީ“ ލައިނާއެކު މިހާރު ޓެކްސީގެ ހިދުމަތް ދޭ އަމިއްލަ ވިޔަފާރިތަކަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އަދި މި ޚިދުމަތް ފެށުމުން އަމިއްލަ ޓެކްސީތަކުގެ ޚިދުމަތުގެ ފެންވަރުވެސް ރަނގަޅުވާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.
24 ގަޑިއިރު ޚިދުމަތްދޭ ސަރުކާރުގެ ޓެކްސީ ލައިން ޚިދުމަތުގެ ޓެކްސީތަކުގެ ސްޕީޑް މޮނީޓާ ކުރެވޭއިރު، ސީސީޓީވީ އަދި ޑޭޝްކެމް ހަރުކޮށްފައި ހުންނާނެއެވެ.
މީގެ އިތުރުން ދަތުރަށް ހޭދަވި ވަގުތާއި އެހެނިހެން ކަންކަމަށް ހޭދަވި ވަގުތު ވެސް މޮނީޓާ ކުރެވޭނެއެވެ.



