އީރާނަށް އޮތް އިންޒާރުތަކުގެ ސަބަބުން އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އާ އެކު އޮންނަ އެއްބާރުލުން ހުއްޓިދާނެ ކަމަށް އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އެޑްވައިޒަރު އަލީ ޝަމްޚާނީ އިއްޔެ ވިދާޅުވެއްޖެއެވެ.
އީރާނާ ދެކޮޅު ނުރައްކާތައް ދެމިއޮތުމުން އައިއޭއީއޭ އާ އެކު ތެހެރާނުން ދެމުން އަންނަ އެއްބާރުލުން ހުއްޓިދާނެ ކަމަށް އަލީ ޝަމްޚާނީ ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އަލީ ޝަމްޚާނީގެ ޕޯސްޓުގައި ވިދާޅުވީ އީރާނަށް ބޭރުގެ އަސްކަރީ އިންޒާރުތައް ދެމިއޮތުމުގެ ސަބަބުން އައިއޭއީއޭގެ އިންސްޕެކްޓަރުން ބޭރުކޮށް، އދ.ގެ ނިއުކްލިއާ އެޖެންސީއާ އެކު އޮންނަ އެއްބާރުލުން މެދުކަނޑާލަން ޖެހިދާނެ ކަމަށެވެ.
އަދި ”އެންރިޗެޑް މެޓީރިއަލް“ އީރާނުގެ ރައްކާތެރި ތަންތަނަށް ބަދަލުކުރުމަކީ ވެސް އެޖެންޑާ ކުރެވިދާނެ ކަމެއް ކަމަށް އޭނާގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
އީރާނުގެ އޮފިޝަލުން ވަނީ އެގައުމަށް ދޭ ކޮންމެ ހަމަލާއަކާ ގުޅިގެން އަވަސް އަދި ހަރުކަށި ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.



